ފްރޮންޓްލައިން އެލަވަންސުގެ ގޮތުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ 220 މީހަކަށް 2.9 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ކޮވިޑް-19ގެ ސަބަބުން ފްރޮންޓްލައިންގައި މަސައްކަރްކުރާ މީހުންނަށް ދޭން ޖެހޭ ފްރަންޓްލައިން އެލަވަންސް މިއަދު ދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 220 ފަރާތަކަށް 2.9 މިލިއަން ރުފިޔާ ވަނީ ދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ، މިއަދު ދީފައި ވަނީ ރާއްޖެއިން ފުރަތަމަ ކޮވިޑް ފެނުނު ދުވަސްކަމަށްވާ މާޗް 7 ވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށް އެ ފަރާތްތަކަށް ލިބެންވާ ފައިސާ ކަމަށެވެ. އަދި އިތުރު ފަރާތްތަކަށް އެލަވަންސް ދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އިތުރު ފަރާތްތަކަށް އެލަވަންސް ދިނުމުގެގޮތުން ޑޭޓާ ވެރިފިކޭޝަން އާއި އެޕްރޫވަލްގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތް ނިމުމާއެކު އިތުރު ފަރާތްތަކަށް އެލަވަންސް ދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ފްރޮންޓްްލައިން އެލަވަންސުގެ ގޮތުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ 220 މީހަކަށް 2.9 މިލިއަން ރުފިޔާ ދީފައިވާއިރު، ފްރޮންޓްލައިން އެލަވަންސް ލަސްވާތީ ގިނަ ފަރާތްތަކަކުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން އިގްތިސޯދީ ގޮތުން ލިބިފައިވާ ހީނަރުކަން ކުޑަ ކުރުމަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީން މިހާތަނަށް ލޯނުގެ ގޮތުގައި 1427 ފަރާތަކަށް 198 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ކޮވިޑްގެ ސަބަބުން އާމްދަނީއަށް އަސަރުކުރި 6638 ފަރާތަކަށް އިންކަމް ސަޕޯޓް އެލަވަންސުގެ ގޮތުގައި 27.2 މިލިއަން ރުފިޔާ ވަނީ ދީފައެވެ.