އަމްރިތާ ހޮސްޕިޓަލާއެކު ފުވައްމުލަކު ހޮސްޕިޓަލުން އޮންލައިން ކޮންސަލްޓޭޝަން ފަށައިފިއެވެ.
މި ހިދުމަތް ފަށާފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލް ގުޅިގެންނެވެ. އެގޮތުން، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ ކެންސަރު ޑިޕާޓްމެންޓްގެ ޑޮކްޓަރަކާއެކު ކޮންސަލްޓޭޝަން ހެދުމުގެ ފުރުސަތު ވަނީ ފުވައްމުލައް ސިޓީގެ ރައްޔިތަކަށް ދީފައެވެ. މި ހިދުމަތް ފަށާފައި ވަނީ މިއަދެވެ.
މިކަމާ ގުޅިގެން އެ ހޮސްޕިޓަލުން ބުނީ މިއީ އެ ހޮސްޕިޓަލުގެ ތާރީހުގައި އެހެން ހޮސްޕިޓަލެއްގެ ޑޮކްޓަރަކާއެކު އޮންލައިން ކޮންސަލްޓޭޝަން ހެދުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި މި ހިދުމަތް ފަށައިގަތުން އިންޑިއާގެ މަޝްހޫރު ހޮސްޕިޓަލަކާއެކު ފެށިގެން ދިއުމަކީ އެ ހޮސްޕިޓަލުގެ ޓީމަށް ލިބުނު ހާއްސަ އުފަލެއް ކަމަށް އެ ހޮސްޕިޓަލިން ބުނެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ މި ހިދުމަތުގެ ސަބަބުން ބޮޑެތި ބަލިތަކުގައި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެން ދިއުމީ އެ ހޮސްޕިޓަލުގެ އަމާޒު ކަމަށެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލުން ވަނީ މި ހިދުމަތަށް ބޭނުންވާ ވަސީލަތް ހަދިޔާ ކުރެއްވީތީ ގައިސަރު ނަސީމަށް ޝުކުރު އަދާކޮށްފައެވެ. ގައިސަރު ނަސީމަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އާއިލީ ބޭފުޅެކެވެ.
އަމްރިތާ ހޮސްޕިޓަލާއެކު ފުވައްމުލަކު ހޮސްޕިޓަލުން އޮންލައިން ކޮންސަލްޓޭޝަން ފަށާފައިވާއިރު ކޮވިޑް-19ގެ ސަބަބުން ރާއްޖެއިން ބޭރުން ހޯދަން ޖެހޭ ފަރުވާތައް ހޯދުމުގައި ބޭރަށް ފުރުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އަދި މީގެ އިތުރުން މާލެ ސަރަހައްދުގައި ކޮވިޑް ފެތުރެމުން ދިއުމާ ގުޅިގެން ފުވައްމުލަކުން ނުލިބޭ ފަރުވާ ހޯދުމަށް އެރަށުގައި ގައި ތިބި ބަލިމީހުންނަށް ވަނީ ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.