ރޭ މާލޭގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ބޭއްވި އިހުތިޖާޖު ހުއްޓުވަން ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖެހި މައްސަލަ އިދިކޮޅުން ކުށްވެރިކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރޭ މާލޭގައި ދިވެހި ރައްޔޮތުންގެ ބަޔަކު އިސްވެ ތިބެ ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ފުލުހުން ޕެޕާ ސްޕްރޭ ޖެހި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ރޭ އިހުތިޖާޖު ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައި ވަނީ އެއްވެސް އިންޒާރެއް ނުދީ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

ހަމައެއާއެކު ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައި އަނިޔާވެރިކޮށް ރޭ އިހުތިޖާޖުގެ ބައިވެރިން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އިދިކޮޅުން ބުނެއެވެ. އޭގެތެރޭގައި އެ ކޯލިޝަންގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ހިމެނޭ ކަމަށާއި އަދި އިހުތިޖާޖުގައި ހައްޔަރު ކުރި ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް އިދިކޮޅުން ގޮވާލައެވެ.

މިގެ އިތުރުން ރޭގެ އިހުތިޖާޖު ރޫލާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށް މީހުން ދުރަށް ޖައްސަން ކުރި މަސައްކަތުގައި ޕީއެންސީގެ ނައިބު ރައިށް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށާއި އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނު ކަން ފާހަގަކޯށް އެކަން ވެސް ހަރުކަށި އިބާރާތުން އިދިކޮޅުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމަށް ގާނޫނު އަސާސީ ކަށަވަރުކޮށްދީފައިވާ ހައްގަށް ހުރަސް ނޭޅުމަށްވެސް އެ ކޯލީޗާނުން ވަނީ މި ސަރުކާރަށް ގޮވާލާފައެވެ.

ކުރިން ރެއެކޭ އެއްގޮތަށް ރޭވެސް އިދިކޮޅު ކޯލިޝަނުން ވަނީ އިހުތިޖާޖު ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރޭގެ މުޒާހަރާ 8:30 ގައި ފަށާފައި ވާއިރު މުޒާހަރާގެ ބައިވެރިން ފުރަތަމަ އެއްވީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ކަންމައްޗަށެވެ. ރޭގެ މުޒާހަރާ ފުލުހުން ރޫލާލާފައި ވަނީ ޕެޕާސްޕްރޭ ބޭނުންކުރުމަށް ފަހުއެވެ. އެގޮތުން ޕެޕާ ސްޕްރޭ ބޭނުންކޮށްފައި ވަނީ ސޯސަން މަގާ ހަމައަށް މުޒާހަރާގެ ބައިވެރިން ގޮސް ތިއްބައެވެ.

ރޭގެ މުޒާހަރާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ. އަދި މިނިވަން ދުވަހުގެ ރޭ ކުރި މުޒާހަރާއާއި ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވާން އެންގި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ނިމާލްއާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްވެސް ރޭ މުޒާހަރާގެ ކުރީ ސަފުން ފެނިފައި ވެއެވެ.