ކޮވިޑް-19 އާއި ގުޅިގެން އިގްތިސޯދީ ގޮތުން ލިބިފައިވާ ހީނަރުކަން ކުޑަ ކުރުމަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީން މިހާތަނަށް ލޯނުގެ ގޮތުގައި 1427 ފަރާތަކަށް 198 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ލޯނު ދޫކޮށްފައި ވަނީ 1012 ވިޔަފާރަި ކުރާ ފަރާތްތަކަށާއި 415 އަމިއްލަ މަސައްކްތަ ކުރާ ފަރާތްތަކަށެވެ. އެ ގޮތުން ވިޔަފާރިތަަކށް 185.6 މިލިއަން ރުފިޔާ ދީފައިވާ އިރު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް 12.4 މިލިއަން ރުފިޔާވަނީ ދޫކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ކޮވިޑް-19 އާއެކު ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް އެކުލަވާލެވިފައި ވާ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ޕެކޭޖްގެ ބައެއްގެ ގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި ފްރީލާންސް މަސައްކަތްތެރީންނަށް އަމާޒު ކުރެވިގެން، މިނިސްޓްރީ އޮފް ފިނޭންސް އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން އެކުލަވާލި ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން 1427 ފަރާތަށް ލޯންގެ ފައިސާ ދޫކުރެވިފައިވާ ކަމަށެވެ. އެ ގޮތުން މިހާތަނަށް ޖުމްލަކޮށް 198 މިލިއަން ދޫކުރެވިފައިވާ ކަމަށް ފިނޭންސުން ބުނެއެވެ.
މި ސްކީމް ތަންފީޒުކުރެވޭނީ އެސްޑީއެފްސީގެ "ކޮވިޑް-19 ވިޔަފާރި އެހީ" ލޯން ޕްރޮޑަކްޓްގެ ގޮތުގައެވެ. އަދި މި ސްކީމް އަމާޒު ކުރެވިފައިވާނީ ދުނިޔެއަށް ފެތުރިފައިމިވާ ބަލިމަޑުކަމުގެ ސަބަބުން މިވަގުތަށް ހިންގުމުގެ ދަތިކަން މެދުވެރިވެފައިވާ (2019 ވަނަ އަހަރުގެ އަހަރީ ޖުމްލަ އާމްދަނީގެ ގޮތުގައި 10 މިލިއަން ރުފިޔާއަށްވުރެ މަދުން ލިބިފައިވާ) އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށެވެ.
ޝަރުތު ފުރިހަމަވާ ފަރާތްތަކުން 30،000 ރުފިޔާއާ ހަމައަށް، 6 ޕަސެންޓްގެ އިންޓަރެސްޓް ރޭޓުގައި، 3 އަހަރު ދުވަހުގެ ތެރޭގައި އަނބުރާދައްކާގޮތަށް މި ލޯނަށް ކުރިމަތިލެއްވޭނެ ކަމަށް ފިނޭންސުން ބުނެފައި ވެއެވެ. މި ސްކީމްގެ ދަށުން ދޫކުރާ ލޯންތަކަށް 6 މަސް ދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެއެވެ. އަދި ލޯނުގެ އިންޓަރެސްޓް އަދި ޕްރިންސިޕަލް އަދަދު ދައްކަން ފަށަން ޖެހޭނީ ގްރޭސް މުއްދަތަށް ފަހުއެވެ. މި ސްކީމްގެ ދަށުން ދަރަނި ދޫކުރުމަށް ހަމަޖެހިފައި ވަނީ ފާއިތުވި 12 މަސްދުވަހުގެ ތެރެއިން 6 މަސްދުވަހު މަސައްކަތް ކޮށްފައިވާ އަދި މި މުއްދަތުގެ ތެރޭގައި އާމްދަނީ ލިބިފައިވާކަން ކަށަވަރުކުރެވޭނެ ފަދަ ވަކި ވަކި އަމިއްލަ ފަރާތްތަކަށް ކަމަށް ވެސް ފިނޭންސުން ބުނެފައި ވެއެވެ.