ހެޕަޓައިޓިސް ބީ ޖެހިފައިވާ 25 އަހަރުން ދަށުގެ މީހަކު ނުވަތަ ކުޑަ ކުއްޖަކު ރާއްޖެއިން މިހާރު ނުފެނަ ކަމަށް ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ވިދާޅުވީ ހެޕަޓައިޓިސް ބީއަށް ރާއްޖޭގައި ވެކްސިން ޖަހާތާ 25 އަހަރު ވެފައި ވާތީ ހެޕަޓައިޓިސް ބީ ޖެހިފައިހުރި 25 އަހަރުން ދަށުގެ މީހެއް ނުވަތަ ކުއްޖެއް މިހާރު ނުފެންނަ ކަމަށެވެ. ނަމަވެސް އަދިވެސް ބޮޑެތި މީހުން ފެންނަ ކަމަށާއި އެއީ ވެކްސިންގެ ފައިދާ ކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.

ހެޕަޓައިޓިސް ބީ އަށް ރާއްޖޭގައި ވެކްސިން ޖަހަން ފެށީ މީގެ 25 ހަކަށް އަހަރު ކުރިން ކަމަށްވުމުން އެ އުމުރަށްވުރެ ދޮށީ މީހުން، ވެކްސިން ނުޖަހާހުރިނަމަ އުމުރުން އެއްފަހަރުނަމަވެސް ހެޕްޓައިޓިސް ބީއަށް ޓެސްޓުކޮށްލުން މުހިންމު ކަމަށާއި އެ ވައިރަހުން ލިވާގެ ކެންސަރަށް މަގުފަހި ކުރާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ހެޕަޓައިޓިސް ބީ އަކީ ހެޕަޓައިޓިސް ބީ ވައިރަސް ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ފުރަމޭ ދުޅަވުން ގެ ވައްތަރެކެވެ. ހެޕަޓައިޓިސް ބީ ކުޑަ ދުވަސްކޮޅަކަށް ވެސް ޖެހިދާނެއެވެ.

އަދި ބަލީގައި ދިގުލައި ދިގުމުއްދަތަކަށް ބަލި ދެމިގެން ވެސް ހިގައިދާނެއެވެ. ދާއިމީ ބައްޔެއްގެ ގޮތުގައި މުޅި އުމުރަށް ހެޕަޓައިޓިސް ބީ ދެމިހުންނަނީ ބަލިޖެހޭމީހުންގެ ތެރެއިން 15 އިންސައްތަ މީހުންގެއެވެ. މިއީ ބަލިޖެހުމަށްފަހު ބަލީގެ ވައިރަސް ހަށިގަނޑުން ބޭރުކޮށް ނެތިކޮށްލުމަށް އެމީހުންގެ ހަށިގަނޑު ނުކުޅެދިފައިވާ މީހުންނެވެ.

ހެޕަޓައިޓިސް ބީ ޖެހުމަށް މެދުވެރިވެދާނެ ކަންތައްތަކުގެ ތެރޭގައި ވައިރަސްއާއި ތަޣައްޔަރު ހުރި ލޭއެޅުން، ވައިރަސް އާއި ތަޣައްޔަރުވެފައި ހުރި ސިރިންޖު، ތިނޯސް ކަށިފަދަ އެއްޗެއް ޓެޓޫ ޖެހުމަށް ބޭނުންކުރުން، ބަލިޖެހިފައިވާ މީހަކާއި އެކު ޖިންސީގުޅުން ހިންގުން، ވައިރަސް އާއި ތަޣައްޔަރުވެފައިހުރި ލޭ، ހަށިގަނޑުން ބޭރުވިދިޔައެއް ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް އަނގައިގެ ޒަރީއާއިން، ނުވަތަ ކެނޑިފައިވާ ފާރުކޮޅެއް ފަދަ ތަނަކުން ވާސިލްވުން، އަދި ބަލިޖެހިފައިވާ މައިމީހާގެ ފުށުން ގާތުންދިނުމުގެ ތެރޭގައި ކުޑަދަރިފުޅަށް ބަލި ފޯރުން ފަދަ ކަންތައްތައް ހިމެނެއެވެ.