ކޮވިޑް-19 ބައްޔާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތުގައި ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެގޮތުން ޔުނިވާސަލް އެންޓަޕްރައިސަސްގެ ފަރާތުން ޕީސީއާރު ދެ މެޝިން މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ ޕީސީއާރު މެޝިންތައް ރަސްމީކޮށް މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާކުރީ އެކަމަށްޓަކައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓާ (އެޗްއީއޯސީ)ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަައި ކަމަށެވެ.

އެރަސްމިއްޔާތުގައި މިނިސްޓާ އޮފް ހެލްތު އަބްދުﷲ އަމީން ވަނީ ޔުނިވާސަލް އެންޓަޕްރައިސަސްގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ޔުނިވަރސަލްގެ އިސްވެރިންނަށާއި މިކަމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި މީގެކުރިން 20،000 ޓެސްޓްކިޓް ޔުނިވާސަލްގެ ފަރާތުން ލިބިފައިވާތީ އެކަން ފާހަގަކުރައްވައި، ކޮވިޑް އާއި ދެކޮޅަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އެކި ފަރާތްތަކުން ލިބިގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތްތާގައި މިފަދަ އެހީތެރިކަން އިތުރަށް ބޭނުންވާކަން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއިން ކޮވިޑް-19 ބައްޔާއި ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ އެކި ގައުމުތަކާއި ޖަމިއްޔާތަކުންނާއި އަމިއްލަ ކުންފުނިތަކުން ދަނީ ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

އެގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ދިވެހިރާއްޖޭގެ އެކިސަރަހައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމުގައިވެސް އެކި ފަރާތްތަކުން އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.