ފުލުހުންގެ ތެރޭގައި ފްރަންޓް ލައިންގައި މަސައްކަތް ކުރާ ގިނަ ފުލުހުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެއްވުންތައް ބާއްވާ އިރު ގިނަ އަދަދެއްގެ މީހުން ގައިދުރުކަން ނުބަހައްޓާ ކަމަށާއި މާސްކްވެސް ބޭނުން ނުކުރާކަން ފާހަގަ ކުރެވިފައި ވާތީ އެޗްޕީއޭއިން އަންގާފައިވާ ގޮތަށް އަމަލު ކުރުން މަތީ ދެމި ތިބުމަށެވެ. އެ ގޮތުން މަގުމައްޗަށް ނުކުމެ އުޅޭ އިރު ގައިދުރުކަން ދެމެހެއްޓުމަށާއި މާސްކް އަޅައިގެން އަބަދު ވެސް ތިބުމަށް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.

އެ ބަޔާނުގައި ވަނީ މިވަގުތަކީ ކޮވިޑަށް އިތުރު މީހުން ޕޮޒިޓިވްވާ ދުވަސްވަރަކަށް ވެފައި ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފުލުހުންވެސް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރު ވަމުންދާ ދުވަސްވަރެއް ކަމަށެވެ. ނަމަވެސް ޕޮޒިޓިވް ވީ ސީދާ ކިތައް ފުލުހުން ކަން އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން މި ބަޔާނުގައި ރާއްޖޭގައި މިހާރު ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުން އަންނަކަމަށް ބުނާ އިރު، އިއްޔެ ކޮވިޑަށް ޕޮޒިޓީވް ވި މީހުންގެ އަދަދު ވެސް ވަނީ 67 އަށް އަރާފައެވެ. އެ 67 މީހުންގެ ތެރޭގައި 43 ދިވެހިން ހިމެނޭ އިރު، ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާގެ 6 މީހަކާއި އިންޑޮނޭޝިއާގެ 3 މީހެއްގެ އިތުރުން ދެން ހިމެނެނީ އެމެރިކާ މީހެކެވެ. އެހެންކަމުން މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 3369 އަށް އަރާފައެވެ.