ބ އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސީސައިޑް ފިނޮޅުގައި މަސައްކަތް ކުރަން އުޅުނު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދީފައެވެ. ފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ 4 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން އެނގިފައި ވަނީ އެތަނުގައި މަސައްކަތްކުރަން އުޅުނު މީހަކު މާލެ އައިސް ކޮވިޑަށް ޓެސްޓު ކުރުމުންނެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިން ގެނައުން މެދުކަނޑާލުމުގެ ކުރިން، މިދިޔަ ފެބްރުއަރީ މަހުއްސުރެ ފިނޮޅު ވަނީ މަރާމާތު ކުރުމުގެ މަސައްކަތަކަށް ބަންދު ކޮށްފައެވެ. އަދި ލޮކްޑައުން ވުމުގެ ސަބަބުން ދިމާވި ދަތިތަކެއްގައި މަރާމާތު ކުރުމުގެ މަސައްކަތްތައް މެދުކެނޑުމަށް ފަހު މިހާރު އަނެއްކާވެސް ދަނީ ކުރަމުންނެވެ.

މަރާމާތު ކުރުމުގެ މަސައްކަތުގައި އުޅޭ މީހުންގެ ތެރެއިން 4 މީހަކު ޕޮޒިޓިވް ވެފައި ވާއިރު 3 މީހުން ޕޮޒިޓިވްކަން އެނގިފައި ވަނީ މާލެ އައި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

މަރާމާތުތަކަށް ފަހު ފިނޮޅު ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުއެވެ.

ފިނޮޅުން ބަޔަކު ޕޮޒިޓިވް ވެފައި ވާއިރު، ރާއްޖޭގެ ރަށްތަކުގައި ހޯމް ކަރަންޓީނު ވެގެން ތިބޭ ބައެއް މީހުން ދަނީ ޕޮޒިޓިވް ވަމުންނެވެ. ހަމައެއާއެކު ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ، ދުވަހަކަށް ވުރެ ދުވަހެއް ކޮވިޑަށް ޕޮޒިޓިވް ވާ ދިވެހިންގެ އަދަދު އިތުރު ވަމުން ދާއިރު އިއްޔެ އެކަނި ވެސް 50 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި 34 ދިވެހިން ހިމެނެއެވެ.

ހާތަނަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 3302 އަށް އަރާފައި ވާއިރު 2534 މީހަކު ބަލިން ރަނގަޅުވެ، 15 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ކުރަމުން ދާ މީހުންގެ އަދަދުވެސް ވަނީ 738 އަށް އަރާފައެވެ.