އަންނަ މަހު ގެސްޓް ހައުސްތައް ހުޅުވާ ޓޫރިޒަމް އަލުން ފަށައި ގަތުމަށް އެކުލަވާލި ގައިޑްލައިންގައި އޮތް ނަަމަވެސް ގެސްޓް ހައުސްތައް ހުޅުވާ ދުވަސް ފަސްކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ގެސްޓް ހައުސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ޕެންޑަމިކްއާއި ގުޅިގެން ގިނަ ދުވަހު ގެސްޓްހައުސް އިންޑަސްޓްރީ ބަންދުވެފައި އޮތުމުގެ ސަބަބުން ދިމާވި މާލީ ދަތިތަކާ ހުރެ ގެސްޓްހައުސްތައް ހުޅުވުމަށް ގިނަގުނަ ގޮންޖެހުންތަށް ކުރިމަތި ވެފައިވާ ކަމަށެވެ.
އެގޮތުން ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް ދަތިހާލު ދިމާވެފައިވާ މިދަޅިވަޅުގައި ގެސްޓްހައުސްތައް ހުޅުވުން ލަސްވުމަކީ އެއިންޑަސްޓްރީގެ ރިހޭފައި މައްޗަށް ފޮއި ވެއްޓުން ކަހަލަ ކަމެއްކަމުގައި އެއެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
އަންނަ މަހު ގެސްޓްހައުސްތައް ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެސްއޯޕީގައި ވާއިރު އެ އެސްއޯޕީ ހެދުމުގައި ވަރަށް ގިނަ ފަހަރު މަތިން މިއެސޯސިއޭޝަނާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
އެއެ ސޯސިއޭޝަނުން ބުނީ އެސްއޯޕީގައިވާ ގޮތުން ގެސްޓްހައުސް ތަކުން ބުކިން ނަގަން ފަށަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގައިވާތީ ގެސްޓްހައުސް ތަކުން ބުކިންތައް ނަގަމުން ދިޔަ ކަމަށެވެ.
ކުއްލިގޮތަކަށް ސަރުކާރުގެ ވިސްނުން ބަދަލުކޮށް ގެސްޓްހައުސްތައް އޮގަސްޓް މަހު ނުހުޅުވާ ގޮތަށް ނިންމުމަކީ މުޅި ގެސްޓްހައުސް ސިނާއަތަށް ތަކުލީފުތަކެއް ކުރިމަތިކުރިވި ކަމެއް ކަމަށް އެއެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އަދި މުޅި ގެސްޓްހައުސް ސިނާއަތުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. ޓޫރިޒަމް މުޅިން ހުއްޓާލާފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވައިލީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ރިސޮޓުތައް ހުޅުވާލައިގެން ފަތުރުވެރިކަން ކުރިއަށް ގެންދަން ފަށާފައި އޮތް ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގެސްތް ހައުސްތައް ހިންގަން ފަށަން ކުރިން ނިންމާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.