ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ސިއްހީ ނިޒާމަށް ނުކަތާ ވަރަށް އިސާހިތަކު ގޯސްވެދާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުރައްވައިފިއެވެ.
ދުންޔާ ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯސްވަމުން ދާއިރު، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ދެވަނަ ފަހަރަށް ރާއްޖެ ލޮކްޑައުން ކުރުމަށް ސަރުކާރު ފަސް ޖެހެނީ ކީއްވެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ކަންތައް ގޯސްވެދާނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާނީ ރާއްޖެއަކީ ރައްކާތެރިތަނެއް ކަމުގެ ޔަގީންކަން އެމީހުންނަށް ލިބިގެން ކަމަށެވެ.
ދުންޔާ މިހެން ވިދާޅުވެފައި ވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު ސަރުކާރުން ދީފައިވާ ލުއިތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި، މިއީ އެއަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ވަގުތު ކަމުގައި ދެކޭ ކަމަށް ބުނެ ލުއިތައް ހަރުކަށި ކުރުމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިންވެސް ވަނީ ގޮވާލާފައެވެ.
ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނީ މިނިވަން ދުވަސް ބައްދަކުރި އިރު ރައްޔިތުން ވަނީ މިނިވަން ކަމާ އެކު އެއްރަށުން އަނެއްރަށަށް ދަތުރުކުރާނެ ގޮތެއް ނެތި، ދަތިތަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ. އަދި ކޮވިޑްގެ މިހާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމުގައި ދިވެހި ސަރުކާރުން ހަމަޖައްސާފައި ވާ އިންތިޒާމުތައް މިހާރަށް ވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ ކުރިންވެސް އެމްއާރްއެމުން ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކިބައިން އެދިވަޑައިގެންފައެވެ.
ދުވަހަކަށް ވުރެ ދުވަހެއް ކޮވިޑަށް ޕޮޒިޓިވް ވާ ދިވެހިންގެ އަދަދު އިތުރު ވަމުން ދާއިރު އިއްޔެ އެކަނި ވެސް 50 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި 34 ދިވެހިން ހިމެނެއެވެ.