މާދަމާއިން ފެށިގެން މާލޭގައި ރިލީސް ސާމްޕަލް ނަގާނީ މާފަންނު މަދަރުސާއިން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މާލޭގައި ރިލީޒް ސާމްޕަލް ނަގަމުން ދިޔައީ އާރްއާރްޓީ އިން ގޭގެއަށް ގޮސްގެން ކަމަށާއި، ނަމަވެސް މާދަމާ އިން ފެށިގެން އެކަމަށް އެހެން އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ސާމްޕަލް ނަގަން ދިޔުމަށް އެމީހަކަށް އެސްއެމްއެސް އެއް ނުވަތަ ފޯނުން ގުޅާ އަންގާނެ ކަމަށާއި ނަމަވެސް ބަލީގެ އަލާމާތެއް ހުރެގެން ނުވަތަ ގޮސްގެން ސާމްޕަލް ނެގަން ބަލިހާލަތު ތަން ނުދޭނަމަ ސާމްޕަލް ނަގަން އާރްއާރްޓީ އިން ގޭގެއަށް ދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"މާދަމާއިން ފެށިގެން މާލޭގަ އަޅުގަނޑުމެން ވަކި ހާއްސަ ތަނެއް މިކަމަށް ކަނޑައަޅާފައި ހުންނާނީ. އެހެންވީމާ މާފަންނު މަދުރަސާގައި ހެދުނު 9:00 އިން ރޭގަނޑު 9:00 އަށް ރިލީޒް ސާމްޕަލް ނެގުމުގެ ކަންތައް ހަމަޖެހިގެންދާނެ،" ޑރ. ނަޒްލާ

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ހުޅުމާލެ ސަރަހައްދުތަކުގައިވެސް ޕޮއިންޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހުޅުމާލޭ އަދި ވިލިމާލޭގައިވެސް އެފަދަ އިންތިޒާމެއް ހަމަޖެހެންދެން އާރްއާރްޓީއިން ގޭގެއަށް ގޮސް ސާމްޕަލް ނަގާނީ ގޭގެއަށް ގޮސްގެން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.