ކޮވިޑް ޖެހުނު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވީޑް-19ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މިވަގުތު އެޑްމިޓްކޮށްގެން 63 މީހަކަށް ފަރުވާދެމުންދާ ކަމަށާއި އޭގެ ތެރެއިން އެކަކަށް ފަރުވާދެނީ ހުޅުމާލެ މެޑިކަލް ފެސިލިޓިގެ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އިތުރު މީހަކަށް ޑީއެޗް 11ގައި ފަރުވާ ދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޑީއެޗް 11 ގައި އޮތީ ހާލު ބޮޑު ބަލިމީހެކެވެ. ހުޅުމާލޭ ފެސިލިޓީގައި ވެންޓިލޭޓަރުގައި ފަރުވާ ދެނީ ބޭރު މީހަކަށެވެ.

އެގޮތުން ހުޅުމާލޭ ފެސިލިޓީގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދަނީ ބިދޭސީއަކަށް ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަަތަށް ބަލާއިރު މިއަދު ރާއްޖެއިން 50 މީހަކު ޕޮޒިޓިވްވެ މި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 3302 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވް ވި 50 މީހުންގެ ތެރޭގައި ހިމެނެނީ 34 ދިވެއްސަކާއި، ބަންގްލަދޭޝްގެ 14 މީހަކާއި، އިންޑިއާގެ 2 މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރެން ފެށުމާއެކު މިިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ވަނީ މާލެ ލޮކްޑައުންކޮށްފައެވެ. ނަމަވެސް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލޭގައި އިުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއިދީ ފާހަކާ ނުލާ މަގުމަތީގަިއ މީހުންނަށް ނުކުމެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.