މިއަދު ފާހަގަ ކުރަމުން މިދާ 55 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވަމުން، މިނިސްޓާ އޮފް ޑިފެންސް މާރިއާ އަހްމަދު ދީދީގެ ސިފައިންނަށް ތައުރީފު ކުރައްވައިފިއެވެ.

މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވަމުން މާރިއާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ މިނިވަންކަންމަތީ އޮތް ބައެއް ކަމަށާއި، މި މިނިވަންކަމުގެ ސިއްރަކީ ކާބަފައިންގެ ގެންގުޅުނު ހިކުމަތު އަމަލީ ކަމަށެވެ. އަދި މި މިނިވަންކަން ހޯދުމަށް ކާބަފައިން އަމަލުކޮށްފައި ވަނީ ވަރަށް ވެސް ވިސްނުންތެރި ކަމާއެކީގައި ކަމަށް މިނިސްޓަރު މާރިއާ ވިދާޅުވިއެވެ.

މާރިއާ ވިދާޅުވީ، މި މިނިވަންކަން މި ގޮތުގައި އަންނަން އޮތް ޖީލުތަކަށް ގެނެސްދިނުމަކީ ބޮޑު ވާޖިބެއް ކަމަށެވެ. އަދި މި ވާޖިބު އަދާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއްބަޔަކީ ދިވެހި ސިފައިން ކަމަސް ވިދާޅުވެ އޭނާ ވަނީ ސިފައިންނަށް ތައުރީފު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ މިނިވަން ކަމާއި އިސްތިގްލާލް ދެމެހެއްޓުމަށްޓަކައި ދިވެހި ސިފަިއން ވެފައިވާ ގުރުބާނީ އަދި ވަމުން އަންނަ ގުރުބާނީ ފާހަގަ ކުރައްވާ ކަމަށެވެ.

މިނިސްޓަރު މާރިއާ ވަނީ މިގޮތުގައި ދިވެހި ސިފައިން އަބަދުވެސް ތިބޭނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާފައެވެ. އޭނާ ވަނީމި ލޮބުވެތި ވަތަން މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އޮތުމަށް އެދި ދުއާ ދަންނަވާފައެވެ.

1965، ޖުލައި 26 ވަނަ ދުވަހު ރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ލިބުނު އިރު، ރާއްޖޭގެ ތާރީހުން ފެންނަން އޮތީ ފެށުނީއްސުރެ ރާއްޖެއަކީ މިނިވަން ގައުމެއް ކަމުގައެވެ. ރާއްޖޭގެ އަމިއްލަ ވެރިކަމާއި ސިޔާދަތު ގެއްލިގެން ގޮސްފައި އޮތީ، އެންމެ ދެ ފަހަރެވެ. އެއީ މީލާދީން 1558 އިން 1573 އަށް ޕޯޗުގީޒުން ރާއްޖޭގެ މައްޗަށް އަތްގަދަކޮށް ވެރިކަން ހިންގި ދުވަސްވަރާއި، އޭގެފަހުން ހިޖުރައިން 1166 ގައި ހޮޅިން ރާއްޖެ ހިފައި އެމީހުންނަށް މި ގައުމުގައި ތިބެވުނު ދުވަސްކޮޅެވެ.