ރާއްޖެއިން ބޭސް ފަރުވާއަށް އިންޑިއާއަށް ދިޔަ ތިން ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އާސަންދައިން ބުނީ، ބޭސްފަރިވާއަށް އެ ކުންފުނީގެ ފަރާތުން އިންޑިއާ އަށް ދިޔަ ބަލި މީހުންނާއި އެހީތެރިންގެ ތެރެއިން އަމްރިތާ ހޮސްޕިޓަލަށް ދިޔަ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެމީހުން ވަކިން ކަރަންޓީނުކޮށް ބައެއް މީހުން ވަކިން އައިސޮލޭޓް ކުރަން ޖެހުމާ ގުޅިގެން މިވަގުތު އަމްރިތާ ހޮސްޕިޓަލުގައި އިތުރަށް ކަރަންޓީނު ކޮށްގެން ފަރުވާ ދެވޭނެ ޖާގަ ނެތް ކަމަށް އާސަންދައިން ބުނެއެވެ.
އެހެންކަމުން ދެން އިންޑިއާއަށް ބޭސް ފަރުވާއަށް ފޮނުވަން ހަމަޖެހިފައިވާ ބަލި މީހުން އަމްރިތާއަށް ނުފޮނުވާ ކިމްސް ހޮސްޕިޓަލަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ.
އާސަންދައިން މިހެން ބުނެފައި ވަނީ އަމްރިތާ ހޮސްޕިޓަލަށް ބޭސްފަރުވާއަށް ފުރުމަށް ހަމަޖެހިފައިވާ ތުއްތު ކުއްޖެއް ކިމްސް ހޮސްޕިޓަލަށް ފުރާ ގޮތަށް ހަމަޖެއްސުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް ކުއްޖާގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ މެންބަރުން މުލިއާގެ ކައިރިއަށް މިއަދު ހަވީރު އެއްވެ އިހުތިޖާޖު ކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އާސަންދައިން ބުނީ، ކިމްސް ހޮސްޕިޓަލަށް ދާން ކުއްޖާގެ ބެލެނިވެރިން ބޭނުން ނުވުމުން، ދެން އަމްރީތާއަށް ފޮނުވާ ބެޗެއްގައި އެ ކުއްޖާ ފޮނުވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވަކިން ވެސް ކުއްޖާ އަމްރީތާއަށް ފޮނުވޭނެ ގޮތެއް ހަމަޖެހޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އާސަންދައިން ބުނެއެވެ.
ރާއްޖެ ލޮކްޑައުން ކުރި ފަހުން އާސަންދައިގެ ދަށުން އިންޑިއާއަށް ވަނީ ދެ ފްލައިޓެއް ފުރާފައެވެ. އެ ދެ ފްލައިޓުން އާސަންދައިގެ ދަށުން ބޭސްފަރުވާއަށް 87 މީހަކު ވަނީ އިންޑިއާއަށް ގޮސްފައެވެ. އެއީ މިމަހުގެ 14 ވަނަ ދުވަހު 59 މީހުންނާ އެކު ފުރާފާވާ ޕްލައިޓަކާއި ރާއްޖެއިން ފުރަރަމަ ލޮކްޑައުނަށް ފަހު 28 ދިވެހިންނާއެކު ފަރުރުކޮށްފައިވާ ފްލައިޓެކެވެ.