ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް 110،000 ބިދޭސީން އެތެރެވެފައި ވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްއަދު ވިދާޅުވީ 2014-2019 އާ ދެމެދު ރާއްޖެއަށް 110،000 ބިދޭސީން އެތެރެވެފައިވާ ކަމަށާއި އޭގެ ސަބަބުން ނުކުތް މައްސަލަތަކާ ގުޅިގެން ގޮތްތަކެއް ނިންމަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާނެ ކަމަށެވެ.
އަދި އެ މުއްދަތުގެ ތެރޭގައި ބިދޭސީން އިތުރުވެފައިވާއިރު އެއީ ރާއްޖޭގެ އާބާދީއަށް ބަލާނަމަ 25 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އައްސަދު ވިދާޅުވިއެވެ. އެގޮތުން ގިނަ އަދަދެއްގެ ބިދޭސީން އެތެރެވުމުން އެ ދުވަސްވަރު އިގުތިސޯދު ކުރި އެރި މިންވަރާއި މީހުން އިތުރުވިވަރާ ހުރި ގުޅުން އެ ކޮމިޝަނުން ބަލާފައިވާ ކަމަށް އައްސަދު ވިދާޅުވިއެވެ.
މީގެ އިތުރުން އައްސަދު ވިދާޅުވީ، މިދިޔަ ހަތަރު ފަސް މަހުގެ ތެރޭގައި ހަގީގަތަށް ވެފައި ހުރި ކަންކަމަކީ ގިނަ އަދަދަކަށް ބިދޭސީން އެތެރެވުމުގެ ސަބަބުން ނުކުތް މައްސަލަތަކެއް ކަމަށެވެ. ދާދި ފަހުން ބިދޭސީން ވަނީ މާލޭގައި މުޒާހާރާކޮށް ހަމަނުޖެހުން ހިންގާފައެވެ. މި ހަމަނުޖެހުމުގައި ފުލުހުންނަށާއި ދައުލަތުގެ މުިދަލަށާއި އާންމުންގެ ގެދޮރާއި މުދަލަށް ވަނީ ގެއްލުން ވެފައެވެ.
ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އަކީ ހައްލު ނުކުރެވި ގިނަ ދުވަސްވެފައިވާ މައްސަލައެކެވެ. އެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރު ވަނީ މި އަހަރުގެ ތެރޭގައި 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ސިފައިން ހޯދާފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި ރާއްޖޭގައި 250،000 ވުރެ ގިނަ ބިދޭސީން އުޅެއެވެ. ރާއްޖޭގައި 179،954 ބިދޭސީން ރަޖިސްޓަރީ ވެގެން އެބަ އުޅޭއިރު، 66،000 އަށް ވުރެ ގިނަ ބިދޭސީންނަކީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނެވެ.
މިމީހުން އެތެރެކޮށްގެން ބަޔަކުމީހުން މުއްސަނދިވެއްޖެ އެމީހުން މިކަމަށްޒިއްމާކުރުވޭނެ ސަރުކާރެއްނެއް އިންސާފާ ހަމަހަމަކަން ގެނެސްދޭނެކަމަށްބުނަމުން ކެމްޕެއިމްތައްކުރަނީ ޔާﷲ މިމުސީބާތުން އަޅަމެން ސަލާމަތްކޮށްދެއްވާފާދޭވެ އާމީން