ފިލައިގެން އުޅޭ ބިދޭސީން ހޯދައި، އެމީހުންނަށް ގާނޫނީ ފިޔަވަޅުއަޅައި، އަދި އޭނާ ގެންގުޅުނު މީހަކަށް ގާނޫނީ ފިޔަވަޅު އަޅާ ގާނޫނު ތަންފީޒު ކުރާތަން ނުފުފެންނަ ކަމަށް ކުރީގެ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރީކޯ މޫސާ ވަނީ އެންމެ ބިދޭސީއަކުވެސް ފިލުމުން އެމީހަކު ހޯދައި އޭނާއަށް ގާނޫނީ ފިޔަވަޅު އަޅުމާއެކު އޭނާ ފިލުވައިގެން ގެންގުޅުނު މީހަކަށް ގާނޫނީ ފިޔަވަޅުއަޅާ މިގައުމުގައި ގާނޫނު ތަންފީޒުވާތަން ފެންނަން ވެއްޖެ ނޫންތޯ އައްސަވާފައެވެ.
އެސުވާލު އަމާޒުކުރައްވާފައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) އަށެވެ.
އޭގެ އިތުރުން ރީކޯ ކުރައްވާފައިވާ ޓްވީޓެއްގައި އޭނާ ވަނީ މިހާރު ބިދޭސީއަކު ފިލައިގެން އަންގަންޖެހެނީ ދައުލަތުގެ ކޮން އިދާރާއަކަށްތޯ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ޓެގް ކުރައްވާ ސުވާލު ކުރައްވާފައެވެ.
ރީކޯ އެހެން ވިދާޅުވެފައި ވަނީ ގަައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި، ބިދޭސީންގެ އަމަލުތައް ހުންނަ ގޮތުން އެ އުޅެނީ ކޮންމެހެން މުސާރަ ނުލިބިގެން ނޫން ކަން ސަބިތުވާ ކަމަށާއި އެކަމުގެ ފަހަތުގައި ފޮރުވިފައި ވާ ފަރާތްތަކެއް ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ނެރުނު ބަޔާނެއްގައި ވަނީ އެއީ ކޮންކަމެއްކަން ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މުހިންމު ކަމެއްކަމަށް އެކޯލިޝަނުން ދެކޭ ކަމަށް ބުނެފައެވެ.
އޭގެ އިތުރުން މިނިސްޓަރު މާރިޔާގެ ވާހަކަތައް އިތުރަށް ތަފްސީލު ކޮށްދެއްވާ، ބިދޭސީން ހަމަނުޖެހުންތައް ހިންގުމުގެ އަސްލު ސަބަބު ރައްޔިތުންނަށް ހާމަކޮށް ދިނުމާއެކު، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ފަރާތުން ގައުމަށް ކުރިމަތި ވެދާނެ ނުރައްކާތަކުން ސަލާމަތްވެ ތިބުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ހަރުދަނާކަމާއެކު އެޅުމުގައި ސަލާމަތީ ބާރުތަކުގެ ލަފަޔާއި އިރުޝާދާއެކު އަވަސް ކުރުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.