މީގެ ކުރިން ކޮވިޑް-19އަށް ޕޮޒިޓިވްވެ ރަނގަޅުވެފައި ހުރި މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ހުއްޓާ އަނެއްކާވެސް ޕޮޒިޓިވް ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އާސަންދައިން ބުނީ ކޮވިޑް ޖެހި ރަނގަޅުވި މީހަކު އަނެއްކާ ޕޮޒިޓިވްވެފައި ވަނީ އެހެން މީހެއްގެ އެހީތެރިއެއްގެ ގޮތުގައި އިންޑިއާއަށް ގޮސް ވަނިކޮށް އިންޑިއާއިން ކުރި ޓެސްޓަކުން ކަމަށެވެ. ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ މީހުންގެ ތެރެއިން މިހާރު ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 3 މީހެކެވެ.

އެ ތިން މީހުންގެ ތެރެއިން ދެމީހުންނަކީ ބަލިމީހުންގެ އެހީތެރިން ކަމަށް އާސަންދައިން މައުލޫމާތުދެއެވެ. އާސަންދައިން ބުނީ ރާއްޖެއިން ކޮވިޑް ޖެހި ރަނގަޅުވި މީހަކު އަލުން ޕޮޒިޓިވްކަން އެނގިފައިވާއިރު އޭނާ ރާއްޖެއިން ފުރީ ވެސް ޓެސްޓުކޮށްފައި ކަމަށެވެ. އަދި އޭރަކު އެއީ ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހަކު ކަން އެނގިފައި ނުވާ ކަމަށެވެ.

ކޮވިޑް-19 އެއްފަހަރު ޖެހިފައިވާ މީހަކަށް އަލުން ޖެހޭ ކަމަށް މިހާތަނަށް ސާބިތުވެފައެއް ނުވެއެވެ. އެހެންކަމުން ޕޮޒިޓިވްވި ފަރާތުގެ ޕޮޒިޓިވް ނަތީޖާއަކީ ކުށެއްތޯ ބެލުމަށް ޑަބަލް ޓެސްޓު ކުރެވުނުތޯ ސުވާލުކުރުމުން އާސަންދައިން ބުނީ، އެ މައުލޫމާތު އަދި ސާފުވެފައި ނުވާ ކަމަށެވެ.

ކޮވިޑް ފެތުރިގެން އައިއިރު، ބަލި ޖެހި ބަލިން ރަނގަޅުވި ބަޔަކު އަލުން ޕޮޒިޓިވްވި ކަމަށް ދައްކައިފައިވެއެވެ. ނަމަވެސް ފަހުން ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި އެހެން ދިމާވަނީ ބަލިން ރަނގަޅުވުމަށް ފަހު ވެސް މަރުވެފައިވާ ވައިރަހުގެ އެތިކޮޅުތައް ނުވަތަ މަރުވެފައިވާ ވައިރަސް ހަށިގަނޑުތެރޭ ހުރުމުންނެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި ބަލި ޖެހި، ރަނގަޅުވުމަށްފަހު 3 މަސްވަންދެން އޭނާއަށް އަލުން ބަލި ޖެހުމުގެ ފުރުސަތެއް ނޯވެއެވެ.

ކޮވިޑް-19 ދެނެގަތުމަށް ހަދާ ޕީސީއާރް ޓެސްޓުން ބައެއް ފަހަރު، ބަލި ނެތް މީހުން ވެސް ޕޮޒިޓިވް ކަމަށް ދައްކައެވެ. ރާއްޖޭގައި ވެސް މިގޮތަށް ”ފޯލްސް ޕޮޒިޓިވް” ކޭސްތައް ދިމާވެފައިވެއެވެ. މިކަމާ ގުޅިގެން ޑޮކްޓަރުން ވިދާޅުވަނީ މިފަދައިން ދިމާވަނީ ކްރޮސްކޮންޓަމިނޭޝަންގެ ސަބަބުން ކަމަށެވެ.