ވޭތުވެދިޔަ 5 އަހަރުތެރޭ ޖުމަލް 211 ފުލުހަކާމެދު ފިޔަވަޅު އަޅާފައި ވާއިރު، އޭގެ ތެރެއިން 146 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ މައްޗަށް ތުހުމަތު ކުރެވޭ އަހްލާގީ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލު ކުރާ އުސޫލްތަކާއި އެ މައްސަލަތައް ބެލުމުގެ މަރުހަލާތައް އަދި ފިޔަވަޅު އެޅުމާބެހޭ މައުލޫމާތާއި ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްގެ މަސައްކަތްތަކުގެ ތަފާސް ހިސާބު ފުލުހުން ވަނީ މިއަދު މީޑިއާއާ ހިއްސާކޮށްފައެވެ.

އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ 5 އަހަރުތެރޭ 146 ވަޒީފާއިން ވަކިކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ ފުލުހުން ވަކިކުރަން ޖެހުނީ ވަޒީފާއަށް ހާޒިރުނުވުމުގެ ސަބަބުންނެވެ. އެގޮތުން ވަޒީފާއަށް ހާޒިރުނުވުމުގެ މައްސަލަތަކުގައި މިދިޔަ 5 އަހަރުތެރޭގައި 70 ފުލުހަކު ވަނީ ވަކިކޮށްފައެވެ.

2016 ވަނަ އަހަރު 36 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާއިރު، 2017 ވަނަ އަހަރު 46 ފުލުހަކު، 2018 ވަނަ އަހަރު 31 ފުލުހަކު އަދި 2019 ވަނަ އަހަރު 21 ފުލުހެއްގެ އިތުރުން މިއަހަރު މިހާތަނަށް 12 ފުލުހަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ވަޒީފާއިން ވަކިކުރުމުގެ އިތުރުން ވެސް ފުލުހުންނަށް އެކި ކަހަލަ ފިޔަވަޅު އަޅާފައެވެ. އެގޮތުން، 28 ފުލުހެއްގެ ރޭންކް ދަށްކޮށް، 22 ފުލުހަކަށް ކައުންސެލިން ދީ، 8 ފުލުހަކު ވަޒީފާ އަދާކުރާއިރު ކައިރިން ސުޕަވައިޒް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި 5 ފުލުހަކު ވަޒީފާ އަދާކުރާ ތަން ބަދަލުކޮށްފައިވާއިރު 3 ފުލުހަކަށް ވަނީ ހާއްސަ ތަމްރީނު ދީފައެވެ.

މީގެ އިތުރުން ވޭތުވެދިޔަ 5 އަހަރު ތެރޭގައި 135 ފުލުހަކަށް ވަނީ ނަސޭހަތާއިން އިންޒާރު ދީފައެވެ. އެއީ 2016 ވަނަ އަހަރު 27 ފުލުހުންނާއި، 2017 ވަނަ އަހަރު 32 ފުލުހުންނާއި 2018 ވަނަ އަހަރު 30 ފުލުހުން އަދި 2019 ވަނަ އހަަރު 31 ފުލުހުންގެ އިތުރުން މިއަހަރު މިހާތަނަށް 15 ފުލުހުންނެވެ.