މިނިސްޓްރީ ޔޫތް، ސްޕޯޓްސް އެންޑް އެމަޕަވާންޓްގެ ޑިރެކްޓާ ޖެނެރަލް އަލީ ޒަކީ ކޮވިޑް-19 އަށް ޕޮޒިިޓިވް ވެއްޖެއެވެ.

މިކަން ޒަކީ ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، ކޮވިޑް-19 އަށް ޓެސްޓުކޮށްފައި ވަނީ ކުޑަކޮށް ހުން އައިސްގެން އުޅުއްވާތީ، އަމިއްލަ އިސްނެންގެވުމުގެ މަތިން ކަމަށާއި، އަދި އޭނާގެ އާއިލާ މީހަކު ވެސް ޕޮޒިޓިވް ވެފައި ނުވާ ކަމަށެވެ.

ފާއިތުވި ހަފްތާ ތެރޭގައި އޭނާ އޮފީހަށް ހާޒިރުވިތޯ އަދި އައިސޮލޭޓް ވެގެން ހުންނެވިތޯ ސުވާލު ކުރުމުން ޒަކީ ވިދާޅުވީ އޮފީހަށް ވެސް ވަޑައިގެންނެވި ކަމަށާއި އައިސޮލޭޓްވެ ވަޑައިނުގަންނަވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމަ ކުރައްވަން ބޭނުންނުވާ ކަމަށް ޒަކީ ވިދާޅުވިއެވެ.

ޒަކީ ޕޮޒިޓިވް ވެފައި ވާއިރު، ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހީމް އިސްމާއިލް ވެސް ވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އިބްރާހީމް އިސްމާއިލް ވިދާޅުވީ ކޮވިޑް-19ށް ޕޮޒިޓިވް ވީ ސީދާ ކޮންތާކުންކަން އިނގިވަޑައި ނުގަންނަވާ ކަމަށާއި، މި ދުވަސްވަރުގެ ގޮތުން ބޭރަށް ނިކުމެ ނޫޅުއްވާ ކަމަށެވެ. އެހެން ނަމަވެސް މި މަހުގެ ހަތްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އޮތް ބައްދަލުވުމަކަށް ޔޫތް މިނިސްޓަރު އަހަމަދު މަހްލޫފް އާއެކު ވަޑައިގެންނެވި ކަމަށް އިބްރާހީމް އިސްމާއިލް ވިދާޅުވިއެވެ.

އިބްރާހިމް އިސްމާއީލް ޕޮޒިޓިވް ވި އިރު އުމުރަކީ 70 އަހަރެވެ.

އިބްރާހިމް އިސްމާއިލަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަންވެސް މީގެ ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. ސްޕޯޓްސް ކައުންސިލްގެ ރައީސްކަން މީގެ ކުރިންވެސް ކުރައްވާފައި ވާއިރު، މި ސަރުކާރުން އަލުން އެ ކައުންސިލް އެކުލަވާލާއި ކައުންސިލްގެ ރައީސް ކަމަށް އިބްރާހީމް އިސްމާއިލް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ކުރީކޮޅެވެ.

ކޮވިޑް-19 މިހާރުގެ ހާލަތަށް ބަލާއިރު މިހާތަނަށް 3120 މީހަކު ޕޮޒިޓިވްވެ، 2428 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި 15 މީހަކު މި ބަލީގައި މަރުވެފައިވާއިރު، މިހާރު ފަރުވާ ކުރަމުން ދަނީ 626 މީހެކެވެ.