މާލެ ފަޅުތެރޭގައި އަޅާފައިވާ މަސް ދޯނިތަކުން މަސް ކަނޑާ، ވިއްކާނަމަ، އެކަން ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ، މިހާރަކަށް އައިސް މާލޭ އުތުރުފަރާތު މަސްމާރުކޭޓް ކުރިމަތިން މަސްވެރިކަން ކުރާ އުޅަނދުފަހަރު ލަފާ ފުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުގެ ފަޅަށް ވަންނަ ބައެއް އުޅަނދުފަހަރު ފަޅުތެރޭގައި އޮވެގެން އެ އުޅަނދުފަހަރުގައި މަސްކަނޑާކަން ފަހަގަވެފައިވާ ކަމަށެވެ. އަދި އެކަން ކުރަނީ އެސަރަހައްދުގެ މޫދުން ލޮނުނަގާ މަސްދޮވުމަށްފަހު ކަމަށާއި، އެފަދައިން ކަން ކުރުމަށްފަހު އުޅަނދުގައި ބަހައްޓައިގެން އާންމު ފަރާތްތަކަށް މަސްވިއްކަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައި ހުންނަ ބައެއް އުޅަނދުފަހަރުން ފަޅުތެރެއަށް ތެލާއި، ކުނިބުނީގެ ބާވަތްތައް އެޅުމުގެ ސަބަބުން ފަޅުތެރޭގެ ލޮނުގަނޑު ތަޣައްްޔަރުވުމުގެ އިތުރުން ވަރަށްބޮޑަށް ނަޖިހުގެ އަސަރު ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެސަރަހައްދުގެ ފަޅުތެރެއިން ލޮނުނަގައިގެން މަސްކަނޑާ މަސްދޮވެ ނުހެދުމަށާއި އަދި އެހެން ބޭނުންތަކަށް ވެސް އެސަރަހައްދުގެ މޫދުލޮނު ބޭނުން ނުކުރުމަށް އެފަރާތްތަކަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ނަމަވެސް މި އެންގުންތަކާ ހިލާފަށް ބައެއް އުޅަނދުފަހަރު ބަލަހައްޓާ ފަރާތްތަކުން އެފަދަ އުޅަނދުފަހަރުގައި ގަވާއިދާ ހިލާފަށް ގެންގުޅޭ ބިދޭސީ މަސައްކަތު މީހުން ލައްވާ ދޯނީގައި ގިނައަދަދަކަށް މަސްކަނޑާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި ފަޅުތެރެއިން ލޮނުނަގައިގެން މަސްދޮވެ އާންމުންނަށް ވިއްކަމުން ގެންދާކަމުގެ ޝަކުވާ ލިބެމުން ގެންދިއުމާ ގުޅިގެން އެކަން ހުއްޓުވުމުގެ ގޮތުން ކައުންސިލްގެ ރަސްމީ ޖަލްސާގައި މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަސްފަހު އެފަދަ ފަރާތްތަކާ މެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ތަންފީޒުކުރުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މީގެފަހުން އެއްވެސް ފަރާތަކުން އެފަދަ ކަންކަން ނުކުރުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސްކުރެއެވެ. އެ ކައުންސިލުން ބުނީ އެކަންކަން ތަކުރާރުކުރާ ފަރާތްތަކާމެދު މާލެއާއި ވިލިނގިލީގެ ފަޅުބެލެހެއްޓުމާ ބެހޭ ގަވާއިދާ އެއްގޮތަށް ޖޫރިމަނާކޮށް ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ.