ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މޫސުން ގޯސްވެ ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. އަތޮޅުން ފަށައިގެން ދ. އަތޮޅާއި ހަމައަށެވެ. މި އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މެނދުރު 1:30 އާ ހަމައަށެވެ.

އެޓް އޮފީހުން ބުނީ މި ވަގުތުގައި މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު އުތުރާއި މެދުރާއްޖެތެރެއަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ބުނީ ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެެރެފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ. އެ އިދާރައިން ބުނީ، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެން ވާނެ ކަމަށާއި، ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓަށް ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދު މެންދުރު 1:30އާ ހަމައަށް ޔެލޯ އެލާޓް ނެެރެފައިވާއިރު މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 7:30 އިން 10:30 އަށް ވެސް އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައެވެ. އެގޮތުން އެ އެލާޓުގައި މެޓް އޮފީހުން ބުނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 23 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި ވިލާގަނޑުގައި 555 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވް. އަދި ކަނޑުގަދަވެމ، ބައެއް ރަށްތަކަށް ރާޅު އަރާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ކުޅުދުއްފުއްޓަށް ވާރޭވެހި ފެންބޮޑުވެފައި / ފޮޜޯ: އެމްއެންޑީއެފް

މި ވިއްސާރާހައި ހދ. ކުޅުދުއްފުށީގެ ބައެއް މަގުތަކުގައި ފެންބޮޑުވެ، އަދި ބައެއް ގެތަކަށް ފެން ވަނުމާއި ގުޅިގެން އެމްއެންޑީއެފުން ވަނީ ފެން ހިއްކުމަށާއި ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެރަށުގެ 4 ގެއަކަށް ވަނީ ފެން ވަނދެފައެވެ.

އެ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.