ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރި އީރާނު މީހަކު މަރުވެއްޖެއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނީ އޭނާ މަރުވެފައި ވަނީ، އައިޖީއެމް ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ. އަދި އެއީ އީރާންގެ ރައްޔިތެއް ކަމަށްވާ އުމުރުން 49 އަހަރުގެ ރަހުމަތުﷲ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އޭނާ މަރުވެފައި ވަނީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ރޭ 11:49 ގައެވެ. އޭނާއަކީ ދިގު މުއްދަތަކަށް ކެންސަރަށް ފަރުވާ ހޯދަމުން އައި މީހެކެވެ.

ކަރެކްޝަންސް އިން މައުލޫމާތުދޭ ގޮތުގައި އޭނާ ބަންދުގައި ހުރީ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި، ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައިވާ މީހަކަށް ވާތީއެވެ.

ރަހުމަތުﷲ ނިޔާވުމާ ގުޅިގެން ކަރެކްޝަންސް އިން އެކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައިވާ ކަމަށް އެ ސާވިސް އިން ބުނެއެވެ.