މަޖިލިސް ހޭލައްވާ މުޒާހަރާގައި ފުލުހުން އަމަލު ކުރީ ޓްރޭނިންގް ގައި ދަސްކޮށްދިން ގޮތަކަށް ނޫން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރަގްރާމްގަައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަން ކަމުގެ ތެރެއިން ބާއްވާ އެއްވުންތަކުގައި ފުލުހުންނަށް އެ އެއްވުމެއް ރޫޅާލުމަށް މެދުވެރިވާ ހާލަތްތަކުގައި ފުލުހުންގެ ފަރާތުން، މި ފަހަކަށް އައިސް ބާރުގެ ބޭނުން ނުހަމަ ގޮތުގައި ހިފާފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ މަޖިލިސް ކައިރީގައި ބޭއްވި މުޒާހަރާގައި ކަން ހިނގާދިޔަ ގޮތަށް ބަލާނަމަ ފުލުހުން އެ މުޒާހަރާގެ އެއް ބައިވެރިއަކު އެތަނުން ގެންދިއުމުގައި އަމަލު ކުރި ގޮތަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާއި އަންހެނަކު ކޮންޓްރޯލް ކުރުމަށް އެހާ ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވާން ނުޖެހޭ ކަމަށެވެ.

މިސާލަކަށް މަޖިލިސް ދޮށުގަ ބޭއްވި މުޒާހަރާގައި އެދުވަހު ކަން ހިނގާދިޔަ ގޮތައް ބަލާނަމަ ފުލުހުން އެ ޔޫޒް ކުރި ފޯސް އަކީ، މިސާލަކަށް މުޒާހަރާގެ އެއް ބައިވެރިއަކު އެތަނުން ގެންދިއުމުގަ އަމަލު ކުރި ގޮތް އެއީ އަޅުގަނޑުވެސް ގަބޫލު ކުރާ ގޮތުގައި އެންމެ ރަނގަޅު ގޮތެއް ނޫން، އަންހެނަކު ކޮންޓްރޯލް ކުރުމަށް 10، 12 ފުލުހުން ހިފާކަށް ނުޖެހޭ، ވާން ޖެހޭނީ ޕްރޮފެޝަނަލް ކޮށް، އެ ހާދިސާގަ އެ އެޕްލައި ކުރި ޓެކްނިކްސް އަކީ ގަބޫކު ކުރެވޭނެ ޓެކްނިކްސް އެއް ނޫން، ގަސްތުގަ އަނިޔާ އެއް ކުރާ ތަނެއް ނުފެނޭ ނަމަވެސް އެއީ ޓްރޭނިންގް ތަކުގައި ކިޔައިދީފައިވާ ޓެކްނިކް ތަކެއް ނޫން
ސީޕީ

ސީޕީ އެފަދައިން ވިދާޅުވެފައި ވާއިރު، މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

މުޒާހަރާ ރޫޅާލުމުގައި އަމަލު ކުރީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކެން. އަޅުގަނޑު އެދެން އެ ކަންކަން ރަނގަޅު ވެގެން ދިއުމަށް
މިނިސްޓަރު އިމްރާން

މިދިޔަ މަހުގެ 22 ވަނަ ދުވަހު "ނަވާނަވައި" ސިޔާސީ ހަރަކާތުން އިސްވެ އިންތިމާޒު ކޮށްގެން މަޖިލިސް ކައިރީ ކުރި މުޒާހަރާއެއްގައި ދިހަވަރަކަށް މީހުން ތިބި ނަމަވެސް، މާ ގިނައިރުތަކެއް ނުވެ މަޖިލިސް ކައިރީގައި ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުން ވަނީ އެ މީހުން ދުރަށް ޖައްސާފައެވެ. ދުރަށް ޖެއްސުމުގައި މުޒާހަރާގެ ބައެއް ބައިވެރިން އުފުލާައިގެންވެސް ދުރަށް ގެންގޮސްފައި ވެއެވެ.

މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސަމުން ގޮސް ހޮޓެލް ޖެންއާ ހަމައަށް ދުރަށް ހަމަޖެއްސުމަށް ފަހު، އެ ހިސާބުން މަޖިލީހުގެ އިދާރާއަށް ކައިރިއަށް ނުދެވޭ ގޮތަށް ބެރިކޭޑް ޖަހާ މަގު ބަންދުކުރި ނަމަވެސް މުޒާހަރާގެ ބައިވެރިންނަށް ވަނީ އެ ތަނުގައި އަޑު އުފުލައި މުޒާހަރާ ކުރަން ފުރުސަތު ދީފައެވެ.