ދައުލަތައް ލިބެންޖެހޭ 4 ބިލިއަން ރުފިޔާގެ ތެރެއިން ދެބައިކުޅައެއްބައި ނުލިބޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފިއެވެ.

އެސެޓްސް ރިކަވަރީ ކޮމިޝަނުން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް 37 ރަށާއި 12 ފަޅު ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ނުއަގުގައި ކަމަށެވެ.

އަދި ފަޅުތައް ނުހިމަނައި، ރަށްތަކުގެ އަގުތަކަށް ބަލާއިރު 3.4 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށާއި ފަޅުތައް އަގުކުރާނެ ވަކި ގޮތެއް ކަނޑައެޅިފައި ނެތަސް އޭގެ އަގު ހިމަނައިފި ނަމަ ދައުލަތަށް ވަންނަން ޖެހޭ ވަރު ހަތަރު ބިލިއަނަށް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަގީގަތުގައި ލިބެން ޖެހޭ އާމްދަނީން ހަތަރު ބައިކުޅަ އެއްބައި ލިބިފައި މިއޮތީ" އަސްއަދު

މީގެ އިތުރުން އައްސަދު ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުން ފައިސާ އަކީ ނުއަގުގައި އެ ރަށްތައް ވިއްކައިގެން ލިބުނު އަދަދު ކަމަށާއި އެ ހިޔާނާތުގެ ތެރެއިން ދައުލަތަށް ލިބުނު ހަގީގީ ފައިސާގެ ގެއްލުން އެތައް ގުނައެއް އިތުރުވާނެކަމަށެވެ.

އައްސަދު އެފދައިން ވިދާޅުވެފައި ވާއިރު، އޮޑިޓާ ޖެނެރަލް އޮފީހުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ތެރެއިން އެ ރަށްތަކާއި ފަޅުތައް ދޫކޮށްގެން 77 މިލިއަން ޑޮލަރު ދައުލަތަށް ގެއްލުން ވެފައި ވާކަމަށެވެ.