ފުލުހުންގެ ހިދުމަތުގައި ރަސްމީ ޑިއުޓީގައި ތިބެ ޑިއުޓީ އަދާ ކުރަމުން ދަނިކޮށް ދިމާވާ އެކިއެކި ހާދިސާތަކުގައި ދުނިޔެ ދޫކުރި ފުލުހުންގެ ހަނދާނުގައި ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފިއެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ފުލުހުންގެ ހިދުމަތުގައި ތިބެ ދުނިޔެ ދޫކޮށް ދިޔަ ފުލުހުންނަށް ދިވެހި ގައުމު ދަރަނިވެރި ވެފައިވާ ކަމަށެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަފު ކުރެއްވި ޓްވީޓެއްގައި ފުލުހުންގެ ހިދުމަތުގައި ތިއްބާ ނިޔާވި ފަސް ފުލުހެއްގެ ނަން ވަނީ ހާމަ ކުރައްވާފައެވެ. އެއީ ސާޖަންޓު އާދަމް ހަލީމް އާއި ކޯޕްރަލް އަހުމަދު ވިފާގު އާއި ކޮންސްޓަބަލް ޔޫސުފް ޒަމީރުގެ އިތުރުން ކޯޕްރަލް މިސްބާހު އަބްދުﷲ އަދި ކޯޕްރަލް އަލީ ނާޒިމް އެވެ.

ފުލުހުންގެ "މެމޯރިއަލް ޑޭ"ގެ ނަމުގައި ކޮންމެ އަހަރަކު ޖުލައި މަހުގެ 24 ވަނަ ދުވަސް ފާހަގަ ކުރާއިރު ފުލުހުންގެ ހިދުމަތުގެ އަގުވަޒަންކޮށް، ފުލުހުންގެ ގައުމީ އަދި ގާނޫނީ ވާޖިބު އަދާކުރަމުން ދަނިކޮށް ދިމާވާ އެކިއެކި ހާދިސާތަކުގައި ދުނިޔެ ދޫކޮށްފައިވާ ފުލުހުންގެ ހިދުމަތުގެ ޒިކުރާ އާކުރުމުގެ ގޮތުން ފުލުހުންގެ ހުރިހާ މަރުކަޒުތަކުގެ ދިދަ ތިރި ކުރެއެވެ.