ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި، މެންދުރު އޮންލައިން ކިޔާ ނޫހަށް ވިކްޓިމްގެ ވާހަކަ ކިޔައި ދިނީ ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ކަމަށް ބުނެފައިވާ ވާހަކަ ދޮގު ކުރައްވާ އެ މައްސަލަ އާޒިމާ ފުލުހަށް ހުށަހަޅުއްވައިފިއެވެ.

އާޒިމާ ވިދާޅުވީ އެ ހަބަރާ ގުޅިގެން ރޭ ފުލުހަށް މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށާއި، މިފަދަ ކަމެއްގައި އޭނާގެ ނަން ބޭނުންކޮށްފައި ވަނީ ކޮން މަގުސަދެއްގައިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. މިކަމާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ރޭ 'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ، މެންދުރު އޮންލައިން އަކީ ދެނެވަޑައިގަންނަވާ ނޫހެއްވެސް ނޫން ކަމަށާއި، އެމީހުން (މެންދުރު އޮންލައިން) އާޒިމާގެ ނަން ބޭނުން ކުރަން ޖެހުނު ސަބަބެއްވެސް އަދި ގޮތެއްވެސް އެނގިވަޑައި ނުގަންނަވާކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ދޮގު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، ކުރިން މެންދުރު އޮންލައިނުން ވިކްޓިމްގެ ރެކޯޑިން އޮތް ވާހަކަ ބުނެފައި ވާއިރު، އޭނާގެ ރެކޯޑިންވެސް އޮންނަން ވާނެ ކަމަށެވެ. އަދި މިކަމާ ގުޅިގެން ދައުވާ ކުރައްވާނެ ކަމަށް އޭނާ ރޭވެސް ވިދާޅުވިއެވެ.

އާޒިމާގެ ނަން ބޭނުންކޮށްގެން މެންދުރު އޮންލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ސަފާރީ އެއްގައި ރޭޕް ކޮށްގެން އުޅޭކަމަށާއި"، "ސީދާ ވިކްޓިމް ގެ ފަރާތުން (އެ ނޫހަށް) ގެނެސްދޭނެ ކަމަށް ބުނެ ވަރަށް އިތުބާރު ކުރެވޭ ގޮތަކަށް މަޢުލޫމާތު ދިން" އަދި "ވިކްޓިމް ކަމަށް ބުނާ ފަރާތަކުން ފޯނު މެދުވެރިކޮށް ކުޑައިރުކޮޅެއް ވަންދެން ވާހަކަ ދެއްކުމަށް ފަހު، ވިކްޓިމްއަށް މިވާހަކަތައް ކިޔައިދޭން ވަރަށް އުނދަނގޫވާނޭ ކަމަށްބުނެ، ކަންހިނގައިދިޔަ ގޮތުގެ ތަފްސީލު މެންދުރު އޮންލައިން އަށް ކިޔައިދިނީ ދިވެހިބަހުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު" ކަމަށެވެ.

މެންދުރު އޮންލައިނުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި އޮތީ، ސަފާރީ ކޭސް އާ ގުޅިގެން ވިކްޓިމްގެ ރެކޯޑިންވެސް އޮތް ކަމަށާއި، ކަން ހިނގާ ދިޔަ ގޮތް ގެނެސްދިނީ ތެދަށް ކަމަށެވެ. އަދި ސަފާރީގައި ހިނގީ ރޭޕެއް ކަމަށް ބުނެ "ފިލްމެއްގެ މަންޒަރުތައް ސިފަ ކުރާ ގޮތަށް ކޮށް" ކިޔައި ދީފައި ވެއެވެ. އޭގެ އިތުރުން އެ ހާދިސާގެ ވާހަކަ ލިޔެގެން، ބިރުދައްކަން އެކިފަރާތްތަކުން ގުޅާ ކަމަށްވެސް ލިޔެފައި އޮތެވެ.

ރޭ އެ ހުރިހާ ވާހަކައެއް ދޮގުކޮށް ބަޔާނެއް ނެރުނު އިރު، ފުލުހުންނާއި، ރާއްޔިތުންގެ މަޖިލީހުން ގެންދަނީ ސަފާރީ ކޭސް ބަލާ ތަހުގީގުވެސް ކުރަމުންނެވެ.