ދިރާސީ އާ އަހަރުގެ ކިޔެވުން އޯގަސްޓް/ ސެޕްޓެމްބަރުގައި ފަށަން އާންމުންގެ ހިޔާލަށް އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ސްކޫލްތަކުގެ ކިޔެވުން ފެށުން އޯގަސްޓް/ސެޕްޓެމްބަރު މަހަށް ބަދަލު ކުރުމާ ގުޅޭގޮތުން ހިޔާލު ހޯދުމުގެ ފޯމު ވީހާވެސް ގިނަ ދަރިވަރުންނާއި ބެލެނިވެރިން ފުރުމަށް ވަނީ އެދިފައެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކަށް ހިއްސާކޮށް އެ ފޯމް ފުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އެ ފޯމު ލިންކް އިން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށާއި އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ. އަދި މި ހިނގަ ޖުލައި މަހުގެ 1 އިން ފެށިގެން ސްކޫލުތައް ހުޅުވާ ވަނީ ކިޔަވައިދޭން ފަށާފައެވެ. ނަމަވެސް ގްރޭޑް 1 އިން 6 އަށް ކިޔައިދޭން ފަށަން ވިސްނާފައި އޮތީ އަންނަ އޯގަސްޓު މަހުއެވެ.

އޭގެ އިތުރުން މިއަހަރުގެ އޮކްޓޯބަރު ނޮވެމްބަރުގައި ބޭއްވުމަށް ކުރިން ތާވަލު ކޮށްފައިވާ ސާނަވީ ނިންމާ އިމްތިހާނު ވަނީ އަންނަ އަހަރުގެ މޭ ޖޫން އަށް ފަސް ކޮށްފައެވެ.