ބ. އޭދަފުށީގައި ހޯމް ކަރަންޓީނު ވެގެން ތިބި ދެ ބިދޭސީން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަމާ ބެހޭގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އޭދަފުށީ ކައުންސިލުގެ މެންބަރު ޒައިދު އަލީ ވިދާޅުވީ، އެރަށުން ޕޮޒިޓިވްވި ދެމީހުން މިހާރުވެސް ތިބީ ހޯމް ކަރަންޓީނުގައި ކަމަށާއި، އެމީހުންނާއެކު އިތުރު ބަޔަކު ކަރަންޓީނު ވެގެން ނެތް ކަމަށެވެ. އަދި އެއީ ދެ ބިދޭސީން ކަމަށް ޒައިދު މައުލޫމާތު ދެއްވައެެވެ.

ޒައިދު ވިދާޅުވީ، އެރަށުން ޕޮޒިޓިވްވެފައި ވަނީ އެރަށުގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރަން ގެނައި ދެ ބިދޭސީން ކަމަށެވެ. އޭނާ ވިދާޅުވީ، އެރަށު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން އިތުރު ބައެއްގެ ޓެސްޓު ހައްދާ، ނަތީޖާ ނުލިބި ނަވާ ކަމަށާއި، މީގެ ކުރިން ޓެސްޓު ހެއްދި އެންމެންގެ ވެސް ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލެ ސަރަހައްދު ފިޔަވާ 5 ސަރަހައްދެއްގައި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީތަކެއް ގައިމުކޮށްފައެވެ. ބ.އޭދަފުށި، ށ.ފުނަދޫ، ހއ.އިހަވަންދޫ، ގއ.ވިލިނގިލި އަދި ލ.ގަމުގެ އިތުރުން އައްޑޫ އަދި ފުވައްމުލަކުގައި މި ފެސިލިޓީތައް ވަނީ ގާއިމްކޮށްފައެވެ.

އޭދަފުށީގެ ކޮވިޑް ފެސިލިޓީ މިމަހު 16 ވަނަ ދުވަހު ހުޅުވާފައިވާއިރު، ކޮވިޑް ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމާއި، އައިސޮލޭޓް ކުރުމުގެ އިންތިޒާމުތައް ވެސް ވަނީ ގާއިމްކުރެވިފައެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު މިހާތަނަށް 3103 މީހަކަށް މި ބަލި ޖެހިފައިވާއިރު، 2397 މީހަކު ވަނީ މި ބަލީގައި ރަނގަޅުވެފައެވެ. މި ބަލިގައި 15 މީހަކު މަރުވެފައިވާއިރު، މި ބައްޔަށް މިހާރު ފަރުވާ ކުރަމުން ދަނީ 676 މީހުންނެވެ. އަދި މި ވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 478 މީހުންނެވެ.