ހައިކޯޓް ހިންގުން އެ ކޯޓްގެ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާއާ ހަވާލުކުރުމަށް ނިންމައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބުނީ މިއަދުން ފެށިގެން ހައިކޯޓްގެ ހިންގުން ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާއާ ހަވާލު ކުުރުމަށް ނިންމާފައިވާ ކަމަށެވެ.

ޝުއައިބް ހުސައިން ޒަކަރިއްޔާ އެ މަގާމަށް އައްޔަނުކޮށްފައި ވަނީ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ޝުޖާއު އުސްމާނު ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ.ޖޭއެސްސީ އިން ބުނީ ޝުޖާއު އުސްމާނު ސަސްޕެންޑްކޮށްފައި ވަނީ އޭނާއާ ގުޅޭ ގިނަ މައްސަލަތަކެއްގެ ތަހުގީގަށް ފަހު ދެ މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ.

ޝުޖާއު އުސްމާނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން ދަނީ ދެ މައްސަލަ އެކެވެ. އެއީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި މައްސަލައަކާއި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެމަނަފުށީ މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ޖޭއެސްސީން ބުނެއެވެ.

އެ މައްސަލައިގެ ތަހުގީގު ނިމުމުން ޖަވާބުދާރީވާން ހަތް ދުވަހުގެ މުއްދަތެއް ފަނޑިޔާރު ޝުޖާއުއަށް މިދިއަ ހޯމަ ދުވަހު ދީފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާއަކީ ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްމެއެވެ. އޭނާ އެމަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖޫން 13 ވަނަ ދުވަހެވެ.