ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ޝުޖާއު އުސްމާނު ސަސްޕެންޑް ކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ޝުޖާއު އުސްމާނު ސަސްޕެންޑްކޮށްފައި ވަނީ އޭނާއާ ގުޅޭ ގިނަ މައްސަލަތަކެއްގެ ތަހުގީގަށް ފަހު ދެ މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ.
ޝުޖާއު އުސްމާނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން ދަނީ ދެ މައްސަލަ އެކެވެ. އެއީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި މައްސަލައަކާއި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެމަނަފުށީ މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ޖޭއެސްސީން ބުނެއެވެ.
އެ މައްސަލައިގެ ތަހުގީގު ނިމުމުން ޖަވާބުދާރީވާން ހަތް ދުވަހުގެ މުއްދަތެއް ފަނޑިޔާރު ޝުޖާއުއަށް މިދިއަ ހޯމަ ދުވަހު ދީފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
ފަނޑިޔާރެއްގެ ސުލޫކާ ހިލާފު ގިނަ ތުހުމަތުތަކެއް މީގެ ކުރިންވެސް ކުރެވިފައިވާ ޝުޖާއު ވަގުތީ ގޮތުން މަގާމުން ދުރުކޮށްފައިވަނީ ދެ މަސް ދުވަހަށެވެ.
ޝުޖާއުގެ އިތުރުން ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރުވެސް ވަނީ ދެ މަސްދުވަހަށް މަގާމުން ދުކުކޮށްފައެެވެ.
ޝުޖާއު އުސްމާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ޖޫން މަހުއެވެ. ޝުޖާއަށް ހައިކޯޓުގެ އިސްފަނޑިޔާރުކަން ދިނީ، ރިޔާސީ އިންތިޚާބުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.
ޝުޖާއު ސަސްޕެންޑުކޮށްފައިވާއިރު، ޖޭއެސްސީ އިން ބަލަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުވާލައި، މަރާލާފައިވާ މައްސަލައަށް ޖަވާބުދާރީވެ ވަޑައި ނުގެން ހުންނެވުމަށް ފަހު ހައިކޯޓުގެ ފަނޑިޔާރު ކަމުން ހަސަން އަލީ އިސްތިއުފާ ދެއްވައިފައި ވަނީ އިއްޔެއެވެ.
ހަސަން އަލީ ފަނޑިޔާރު ކަމުގެ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވާފައިވާތީ އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކޮށްފައިވާ ކަމަށް ޖޭއެސްސީއިން ބުނާއިރު، ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ހަސަން އަލީއާ ގުޅޭ ގޮތުން ތައްޔާރުކުރި ތަހުގީގު ރިޕޯޓް އާންމު ކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް ޖޭއެސްސީއިން ބުނެފައެއް ނުވެއެވެ.