ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އައިސޮލޭޝަންގައި ހުންނެވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ކަން ހާމަވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމަވާ ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކައުންސެލާ ޖެނެރަލް މިހާރު ހުންނެވީ އައިސޮލޭޝަނުގައި ކަމަށެވެ. އަދި ކައުންސެލާ ޖެނެރަލް އައިސޮލޭޝަނުގައި ހުންނެވީ އިޖުތިމާއީ ކޮމިޓީގެ އިދާރީ ސެކެޓްރީ ކޮވިޑަށް ޕޮޒިޓިވްވެ، މުގައްރިރަކީ އެ ސެކެޓްރީގެ ޕްރައިމަރީ ކޮންޓެކްޓެއް ކަމަށް ވާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އިޖުތިމާއީ ކޮމިޓީގެ މުގައްރިރު މިހާރު ހުންނެވީ މުޅިން ބަންދުގައި ކަމަށާއި، އޭނާ ޕޮޒިޓިވްތޯ ނެގެޓިވްތޯ ބެލުމަސް ޓެސްޓު ކުރަމުންދާ ކަމަށެވެ. ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އިޖުތިމާއީ ކޮމިޓީގެ މުގައްރިރަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސައެވެ.

މަޖިލީހުގެ ކޮމެޓީއެއްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފެއް ޕޮޒިޓިވް ވެފައިވާކަން އެނގިފައި ވަނީ މިދިޔަ އާދިއްތަ ދުވަހެވެ. އެގޮތުން މިހާތަނަށް މަޖިލީހުން 3 މީހަކު ޕޮޒިޓިވްވެފައެވެ. ކުރިން ޕޮޒިޓިވްވި މީހާއާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާ މަޖިލީސް ވަނީ ޑިސްއިންފެކްޓްކޮށްފައެވެ. ނަމަވެސް ފަހުން ވަނީ މަޖިޅިހުގައި ޖަލްސާތައް ބާއްވަން ފަށާފައެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު މިހާތަނަށް 3044 މީހަކަށް މި ބަލި ޖެހިފައިވާއިރު، 2397 މީހަކު ވަނީ މި ބަލީގައި ރަނގަޅުވެފައެވެ. މި ބަލިގައި 15 މީހަކު މަރުވެފައިވާއިރު، މި ބައްޔަށް މިހާރު ފަރުވާ ކުރަމުން ދަނީ 617 މީހުންނެވެ. އަދި މި ވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 472 މީހުންނެވެ.