މަސްތުވާތަކެއްޗާއެކު މ. މުލިން ކުޑަކުއްޖަކާއި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މ. މުލި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މުއްޔަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު 19 އަހަރުގެ ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ މާލޭން ފުރައިގެން މުއްޔަށް ދަތުރުކުރާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ބުނެއެވެ. އެ ގޮތުން ރޭ 11:58 ހާއިރު މުލީ ބަނދަރުމަތިން އެމީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ދެ މީހުން ހުއްޓުވައި އެ ދެ މީހުންގެ ހަށިގަނޑާއި އެވަގުތު ގެންގުޅުނު ތަކެތި ބަލައި ފާސްކުރި އިރު، 18 އަހަރުން ދަށުގެ ކުއްޖާ ހިފައިގެން ހުރި ކޮތަޅެއްގައި އޮތް ބޫޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ މިހާރު ދަނީ މ. މުލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.