ގާނޫނީ ފަންނުގެ ގާނޫނަށް އަވަސް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިތާ 7 މަސް ފަހުން އެ އިސްލާހު ފާސްކޮށްފިއެވެ.

މިއަދު މި އިސްލާހު ފާސްކޮށްފައި ވަނީ ވޯޓޫގައި ބައިވެރިވެވަޑާއިގެންނެވި 71 މެންބަރުންގެ އިސްތިފާގުންނެވެ. ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހާއެކު ގާނޫނީ ދާއިރާއިން ކިޔަވައިގެން ތިބި ދަރިވަރުންނަށް ގާނޫނީ ވަކީލު ކަމުގެ ހުވާ ލަސްތަކެއް ނުވެ ކުރެވިގެންދާނެއެވެ.

މި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ހުށަހަޅާފައިވާއިރު، މި ގާނޫނަށް އިސްލާހު ގެނައުމަށް އެދިފައިވަނީ މި ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީންނެވެ.

ގާނޫނީ ފަންނުގެ ބިލަށް ހުށަހެޅި މައިގަނޑު އިސްލާހަކީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށް ކަނޑައާޅާ ޝަރުތުތައް މުރާޖައާ ކުރުމެވެ. އަދި ވަކީލުންގެ ޕްރެކްޓިސް އަދި ޕާޓްނާޝިޕްއާ ގުޅޭ އުސޫލުތައް މުރާޖައާ ކުރުމުގެ އިތުރުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމައި އަސްލާއި އެއްގޮތް ކަމުގެ ތަތްގަނޑު ޖެހުމާ ގުޅޭ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް މުރާޖައާ ކުރުމަށް ވެސް އެ ބިލުގައި ހުށަހަޅާފައިވެއެވެ.

މި ގާނޫނަސް އިސްލާހު ހުށަހެޅުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. ނާޒިމް އިސްލާހު ހުށަހެޅުއްވީ ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރުން، މި ދެޝަރުތައް އަމަލުކުރުން އެކެއް ޖެނުއަރީ 2021 ހަމަޔަށް ފަސްކުރުމަށެވެ.

މި ބިލު މަޖިލީހަށް ހުށަހެޅިއިރު، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށް ކަނޑައާޅާ ޝަރުތުތައް މުރާޖައާ ކުރުމާ އެކޮމިޓީން ދެކޮޅު ކަމަށް ބާ ކައުންސިލަށް އަންގާފައެވެ. ނަމަވެސް މިކަމާ ގުޅިގެން މެންބަރުން ހިޔާލު މިހާރު ވަނީ ބަދަލުވެފައެވެ. މިކަމާ ގުޅިގެން ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދް ވިދާޅުވެފައިވާ ގޮތުގައި، އަލަށް ގްރެޖުއޭޓްވާ ވަކީލުން މި ގާނޫގައިވާ ގޮތަށް އަމަލު ކުރަން ޖެހުމަކީ ބޭ އިންސާފެވެ.