އެއާޕޯޓް ރެޕްރެޒެންޓެޓިވުން (އެއާޕޯޓް ރެޕް) ކައުންޓަރެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

'ދަ ޕްރެސް' އަށް ލިބިފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެކި ރިސޯޓުތައް ތަމްސީލު ކުރުމަށް އެއާޕޯޓުގައި ބަހައްޓާފައިވާ ކައުންޓަރުތަކުގެ ތެރެއިން ކައުންޓަރެއްގައި އަލިފާން ރޯވެ ދުން އަރާތަން ފެނެއެވެ. އަދި އަލިފާނުގެ ހުޅު ކައުންޓަރު ތެރެއިން ބޭރަށް ނުކުމެފައިވެސް ހުރެއެވެ. އޭރު އެއާޕޯޓުގައި މައްސަކަތް ކުރާ ސިފައިން އަލިފާން ނިއްވުމަށް ފަޔާ އެކްސްޓިންގިއުޝާ (އަލިފާން ނިވާ ފުޅި) ހިފައިން އެ ކައުންޓަރު ކައިރިއަށް ދާތަން ވެސް ފެނެއެވެ. ނަމަވެސް ސިފައިން ތިބީ ބަލާށެވެ. އަލިފާން ނިއްވާ ފުޅި އަތުގައި އޮތަސް އަލިފާން ނިއްވަން ކައިރިއެއް ނުވެއެވެ.

ކައުންޓަރުގެ ދޮރު ކައިރިން ހުޅު ނުކުމެ ނުކުމެ ހުއްޓާ އެ ކައުންޓަރުގެ ދަމާ ދުރުކޮށް، އެހެން ކައުންޓަރުތަކަ ދުރަށް ގެންދިޔައީ އެއާޕޯޓުގެ އިލެކްޓްރިކަލް ޓީމުގެ މީހަކު ގޮހެވެ. އޭރުވެސް ސިފައިން ތިބީ ބަލާށެވެ.

ކައުންޓަރުގައި ރޯވި އަލިފާން ނިއްވާލީ ކައުންޓަރު ދުރަށް ޖެއްސުމާއެކު ސިފައިންނެއެވެ.

އެއާޕޯޓް ކައުންޓަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެ ހާދިސާގައި އެއާޕޯޓުގެ މުވައްޒަފަކު އިސްކޮށް ހަރަކާތެރި ވެފައި ވާއިރު، މިފަދައިން ހިނގާ ހާދިސާތަކުގައި މުވައްޒަފުން ދަނީ ނަމޫނާ ދައްކަމުންނެވެ.