ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާ އިމާރާތުގެ ޓެރަސްގައި ރެސްޓޯރަންޓާއި ޖިމް ހިންގުމުގެ ޕްރޮޕޯސަލް ހުޅުހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދުގެ މަޖިލިސް ފައްޓަވައިދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ސޯޝަލް ކްލަބުން ދެ އިއުލާނު ކޮށްފައިވާ ކަމަށެވެ. އެއީ މަޖިލީހުގެ އާ އިމާރާތުގެ ޓެރަހުގައި ރެސްޓޯރަންޓެއް އަދި ފިޓްނަސް ސެންޓަރެއް ހިންގުމަށް ޕްރޮޕޯސަލް ހުޅުހެޅުމުގެ ފުރުސަތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫއަށް ޕްރޮޕޯސަލް ހުޅަހެޅުމުގެ ފުރުސަތު ހުޅުވަލާފައި ވާއިރު، އޭގެ އިއުލާނެއް ވަރަށް އަވަހަށް ނެރެދެއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. މަޖިލީހުގެ ސޯޝަލް ކްލަބް އިން އިސް ނަގައިގެން މަޖިލީހުގެ އިދާރާގައި ރެސްޓޯރަންޓަކާއި ޖިމެއްގެ އިތުރުން ފިހާރައެއް ހުޅުވަން ވެސް ނިންމާފައި ވެއެވެ.

ރައީސް ނަޝީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި މަޖިލިސް މެންބަރުންނަށް ދާއިރާގެ ރައްޔިތުންނާ ރެސްޓޯރަންޓުގައި ބައްދަލު ކުރެއްވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރައްވާނެއެ. މި ތަންތަނުގެ އިތުރުން އާ އިމާރާތުގައި މެންބަރުންނަށް ކިއުބިކަލް ތަކެއް ގާއިމް ކުރުމަށް ނިންމަވާފައިވާ ކަމަށާއި އެތަންތަނުގައި މެންބަރުންގެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ސޯޝަލް ކްލަބުގައި މަޖިލީހުގެ އިދާރީ މުވައްޒަފުން ތިބި ނަމަވެސް މެންބަރުންނަށްވެސް އެ ކްލަބުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ އިމާރާތުގައި ގާއިމް ކުރާނެ ތަންތަނާއި ގުޅޭ ގޮތުން ރައީސް ނަޝީދު ވާހަހަ ދެއްކެވި އިރު އާއިމާރާތުގެ ބިންގާ އަޅާ މަސައްކަތް ފެށީ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އެތަނުގެ މަސައްކަތް ނިންމާ މަޖިލީހާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.