ވ. އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރާ ރަށެއްގައި ހަމަނުޖެހުން ހިންގައިގެން ރޭ ހައްޔަރުކުރި 22 ބިދޭސީއަކު 15 ދުވަސް ވާންދެން ބަންދުގައި ބައިތިއްބަން ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓުން ހުއްދަ ދީފިއެވެ.

ފުލުހުން ބުނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އެމީހުން ބައިތިއްބަން ހުއްދަ ދީފައި ވާކަމަށެވެ.

ރޭގެ ހަމަނުޖެހުމާ ގުޅިގެން 22 މީހަކު ހައްޔަރު ކޮށްފައި ވާއިރު، އެމީހުން ނިސްބަތްވާ ގައުމުތަކެއް ފުލުހުން ނުބުނެއެވެ. އަދި އެމީހުން ބަންދު ކޮށްފައި ބައިތިއްބަނީ ކޮންތާކު ކަމެއްވެސް ނުބުނެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައި ވާ ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ މުޅިންވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.

ރޭ އެރަށުގައި ހިނގި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި ނަމަވެސް އެ ހަމަނުޖެހުމުގައި އެމީހުންގެ ސުޕަވައިޒަރުގެ ރޫމަށް ގެއްލުންތަކެއް ދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ވ އަތޮޅުގެ ރަށެއްގައި ހަމަނުޖެހުން ހިންގާފައި ވާއިރު، ހުޅުމާލޭގައި ސިފައިންނާާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުން ތަކެއް ވަނީ މިމަހުގެ 14 ވަނަ ދުވަހު ހަމަނުޖެހުމެއް ހިންގާފައެވެ. އަދި މިމަހުގެ 6 ވަނަ ދުވަހު ވެސް އެ މުވައްޒަފުން ވަނީ މުޒާހަރާ ކޮށްފައެވެ. އެދުވަހު ވެސް ބިދޭސީންނާއި ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. މުޒާހަރާ ކުރި ބިދޭސީން ބުނާ ގޮތުގައި އެމީހުންނަށް މުސާރަ ނުލިބޭތާ 6 މަސް ވެފައި ވާއިރު، ޒަރޫރީ ބޭނުންތައް ފުއްދާލެވޭނެހާ ލާރި ވެސް އެމީހުންގެ އަތުގައި ނެތް ކަމަށެވެ.

މީގެ އިތުރުން ވެސް ދާދި ފަހުން ވަނީ ބ އަތޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި ބިދޭސީން ހަމަނުޖެހުމެއް ހިންގާ ފުލުހުންނާ ކުރިމަތިލުން ތަކެއް ހިންގާފައެވެ. އެގޮތުން، ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީން ވަނީ އެތަނުގައި މަސައްކަތް ކުރާ ދިވެހިން ރަހީނުކޮށް، ފުލުހުން އެރަށަށް އަރަން އުޅުމުން އެކަން ހުއްޓުވުމަށް ފުލުހުންގެ ލޯންޗަށް އެކި ތަކެތި އުކާ ހަމަލާ ދީފައެވެ.

އެ ހަމަނުޖެހުމުގައި ފުލުހުން ތަކަކަށް އަނިޔާވެފައި ވާއިރު، އެ ރަށުގައި ހުރި އެކި ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ ހަމަނުޖެހުމާ ގުޅިގެން 19 ބިދޭސީއަކު ހައްޔަރު ކޮށްފައި ވާއިރު، އެމީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހާފައެވެ. އެމީހުންގެ ބަންދުގެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަވާ އިރު، އެމީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާވެސް އުފުލާފައެވެ.