ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) މެދުވެރިކޮށް ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށް ހުޅުމާލޭގައި އަޅަމުންދާ 600 ފްލެޓްގެ މަސައްކަތް ލަސްވާ ސަބަބު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި އެ މައްސަލާގައި ވަނީ، އެ މަޝްރޫއަށް އަށް އަހަރުވެގެން ދިޔައިރު މަސައްކަތް ނުނިމި އޮތް ސަބަބާއި، ސިފްކޯ އާއި ޕޮލްކޯއިން އެ ޕްރޮޖެކްޓް އަށް ފައިސާ ދައްކަމުންދާ އުސޫލު މަޖިލީހުން ބެލުމަށާއި އޭގައި އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިނގާތޯ ބެލުމަށް ގޮވާލާފައެވެ.

ޔައުގޫބްގެ އެ މައްސައިގައި، ފްލެޓްތައް ހަދަމުންގެން ދަނީ ސަރުކާރުން ހަރަދުކޮށްގެން ނުވަތަ ލޯނު ނަގައިގެން ކަމުގައިވިޔަސް ފްލެޓްތައް ލިބޭ ސިފައިންނާއި ފުލުހުންވެސް އެ ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި ފައިސާ ދައްކައިފައިވާ ކަމަށާއި ގިނަ ސިފައިންނާއި ފުލުހުން އެ ފައިސާ ދެއްކުމަށްޓަކައި ބޭންކްތަކުން ލޯނު ނަގާފައިވާ ކަމަށް ބެލެވޭ ކަމަށް ވެއެވެ. އަދި އެ ފަރާތްތަކަށް މިހާރު ލޯނު ފައިސާ އަނބުރައި ދައްކަންޖެހި އަދި ދިރިއުޅެމުން ގެންދާ ތަނަށް ވެސް ކުލި ދައްކަންޖެހިފައި ވުމުން އެ ކަން ވަނީ ބޮޑު ތަކުލީފަކަށް ވެފައި ކަމަށާއި އެ ސިފައިންނާއި ފުލުހުންނަށް އަދި އެ މީހުންގެ އާއިލާތަކަށް ބޮޑު ނިކަމެތިކަމަކާއި ކުރިމަތި ވެފައިވާކަމަށް ޔައުގޫބު ހުށައެޅުއްވި މައްސަލާގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ސިފްކޯއަކީ އޭރުގެ ޑިފެންސް މިނިސްޓަރު އަދި ޕޮލްކޯއަކީ އޭރުގެ ޕޮލިސް ކޮމިޝަނަރު އުފައްދާފައިވާ ޖަމިއްޔާތަކަށް ވާއިރު، އެ ފްލެޓްތަކުގެ މަޝްރޫއުގެ މަސައްކަތް އަނެއްކާ ވެސް އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ހިއްސާ އޮންނަ އާރުސީސީ ކުންފުންޏަށް ހަވާލު ކުރާ ކަމަށް ދެކެވޭ ވާހަކަތައް ބެލުމަށް އެ މައްސަލައިގައި ޔައުގޫބް ވަނީ ގޮވާލާފައެވެ.

އެ ފްލެޓްތަކުގެ މަޝްރޫއުގެ ތައިލެންޑް ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާއިން ބުނެފައިވާ ގޮތުގައި ސަބް ކޮންޓްރެކްޓަރަށް އާރުސީސިއާ ހަވާލު ކުރަން އެ ކުންފުންޏާ މަޝްވަރާކޮށްފައިވެއެވެ. ނަމަވެސް ހަވާލު ކުރެވޭނީ ސިފްކޯއާއި ޕޮލްކޯގެ ހުއްދަ ހޯދަން ޖެހޭތީ އެ ކަމުގެ ހުއްދައަށް އެދިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ފްލެޓްތައް އެޅުމުގެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑިއަށެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ އެއްބަސްވުން އުވާލިއެވެ. ދެން އެ މަސައްކަތް ހަވާލުކުރީ ނޫމަޑިން މަސައްކަތް ސަބްކޮންޓްރެކްޓަށް ދޫކޮށްފައިވާ ކުންފުނި، އައިލެންޑް އެކްސްޕާޓަށެވެ.