ބިދޭސީންގެ ފަރާތުން މިހާރު ފެންމަތިވަމުން ދާ މައްސަލަ ތަކަކީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ސިފަ ކުރައްވާ އިންޒާރު ކުރައްވައިފިއެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ބިދޭސީންގެ ސަބަބުން ރާއްޖެއިން މިހާރު ފެންނަނީ ބޭރުގެ އިސްއިތުމާރީ ބާރަކުން އަރާ މި ގައުމު ހިފުމުން ފެންނާނެ ކަހަލަ މަންޒަރުތަކެއް ކަމަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މި މައްސަލަ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަށް ވަނީ ކީއްވެގެންތޯ ބެލުމަކީވެސް މުހިންމު ކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ގަވައިދާ ހިލާފު ބިދޭސީންގެ މައްސަލައަކީ އެތައް އަހަރެއް ވެފައި އޮތް މައްސަލައެއް ކަމަށާއި ސިފައިން ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި މިއަދު 179،954 ބިދޭސީން ރަޖިސްޓާ ވެފައިވާއިރު 66،000 އަށް ވުރެ ގިނަ ބިދޭސީން ޑޮކިއުމަންޓެއް ނެތި އުޅޭ ކަމަށެވެ.

އެހެން ގޮތަކަށް ދަންނަވާނަމަ 250،000 އެއްހާ މީހުން އެބައުޅޭ ބޭރު މީހުން. މީގެ ތެރެއިން ބޮޑު ޕަސެންޓަކީ ރަޖިސްޓާ ނުކޮށް ތިބި މީހުން. މިކަމަކީ ރާއްޖޭގެ ގައުމީ ސަލާމަތައް އޮތް ބޮޑު ނުރައްކަލެއް، ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަކަށް އަރާ ހިފިޔަސް ފެންނަން މި ހުންނަ ކަންކަން މި ފެންނަނީ މިހާރު ބިދޭސީންގެ ފަރާތުން. މި ސޮސައިޓީގެ ހުރިހާ ދިމާލަކުން މިވަނީ އެ މީހުން ފޫއަޅުވާލާއި ވަދެފައި. ދިވެހިންނާ ކައިވެނި ކުރުމާއި މިހެން ގޮސް ހުރިހާ ދިމާލަކަށް އަދި ކުށްތަކުގައި ވެސް އެ މީހުން ޝާމިލުވެ ވަރަށް ބޮޑަށް ހަރަކާތްތެރި ވަމުން މިދަނީ އެހެން ގޮސް އެންމެ ފަހުން ފުލުހުންނާ އެ މީހުން ކުރިމަތިލީ
ޝަމާލް

މީގެ އިތުރުން ޝަމާލް ވިދާޅުވީ ގައުމީ ސަލާމަތަށް މި މައްސަލަ ވެގެން ދަނީ އެހެން ގައުމެއްގެ ބަޔަކު އަރާ އަދި އެ މީހުންގެ މައްޗަށް ގާނޫނެއް އަދި ގަވައިދެއް ވެސް ނުހިންގޭ ގަވައިދާ ހިލާފު މީހުން ކަމަށްވާތީ ކަމަށާއި މިހާރު މިކަން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ހިސާބަށް ގޮސްފައިވާއިރު ރާއްޖޭގެ ޒުވާނުންގެ އާބާދީއަށް ވުރެ ރާއްޖޭގައި އޮތް ބިދޭސީންގެ އާބާދީ ބޮޑު ކަން ވެސް ޝަމާލް ފާހަގަ ކުރެއްވިއެވެ.

ބިދޭސީންގެ މައްސަލައަކީ ސީރިޔަސް މައްސަލަ އެއް ކަމަށާއި އެ މައްސަލަ ހައްލު ކުރަން ގައުމުގެ ދިފާއީ ބާރުތަކުގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އިދާރާތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ޝަމާލް ވިދާޅުވިއެވެ.