ވިލިމާލޭ ކުޑަކުދިންގެ ހިޔާއިން އިއްޔެ ޕޮޒިޓިވްވި ކުއްޖާގެ ނަތީޖާ ނެގެޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނީ އިއްޔެ ކުޑަކުދިންގެ ހިޔާއިން ޕޮޒިޓިވްވި ކުއްޖާގެ އިތުރު ޓެސްޓެއް އައިޖީއެމްއެޗުން ހަދާއިފައިވާ ކަމަށާއި އެ ޓެސްޓުގެ ނަތީޖާ ނެގެޓިވެ ވެފައިވާ ކަމަށެވެ.

މިއީ ކުޑަކުދިންގެ ހިޔާއިން ޕޮޒިޓިވްވި ފުރަތަމަ ކުއްޖާއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ކުއްޖާ އަކީ މިދިޔަ މާޗް މަހުގެ 6 ވަނަ ދުވަހު އިންޑިއާގެ ކޮޗިންއަށް ބޭސްފަރުވާއަށް ދަތުރުކުރުމަށް ފަހު، މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެނބުރި ރާއްޖެ އައި ކުޑަކުދިންގެ ހިޔާގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ކަމަށެވެ. އަދި އެއީ އުމުރުން 12 އަހަރުގެ ކުއްޖެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ ކުއްޖާއަކީ އުފެދުމުގައި ވެސް ބަލި ކުއްޖެއް ކަމަށާއި، އޭނާގެ ބަލީގެ ބާވަތުން އޭނާއަށް ގަވާއިދުން ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރަން ޖެހޭ ކަމަށް ޖެންޑާއިން ބުނެއެވެ. ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ފަހު އެންބުރި ރާއްޖެއަށް އައިސް އޭނާ ވަނީ 16 ދުވަހުގެ މުއްދަތު ހަމަވަންދެން ކުޑަކުދިންގެ ހިޔާގައި ކަރަންޓީން ކޮށްފައި ކަމަށް ޖެންޑާއިން ބުނެއެވެ. އަދި މި މަހުގެ 16 ވަނަ ދުވަހު ހެދި ޓެސްޓުން އޭނާ ވަނީ ނެގެޓިވްވެފައި ކަމަށް ޖެންޑާއިން ބުނެއެވެ.

ނަމަވެސް، ކުއްޖާއަށް ސިއްހީ އިތުރު މައްސަލަތަކެއް ކުރިމަތިވެ، މި މަހުގެ 18 ވަނަ ދުވަހު ވަނީ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައި ކަމަށާއި އެ ހޮސްޕިޓަލުން އިރުޝާދު ދީފައި ވަނީ އިތުރު ފަރުވާ ކުރުމަށް އޭނާ އައިޖީއެމްއެޗަށް ދެއްކުމަށް އެދިފައި ކަމަށް ޖެންޑާއިން ބުނެއެވެ. އަދި އެ ހޮސްޕިޓަލަށް އޭނާ ބަދަލުކުރުމަށް ފަހު، ރޭ ހެދި ކޮވިޑް-19 ޓެސްޓުގެ ނަތީޖާ މިއަދު ހެނދުނު ލިބުނުއިރު، ނަތީޖާ ވަނީ ޕޮޒިޓިވް ވެފައި ކަމަށް ޖެންޑާއިން ބުނެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު މަދުވެފައި ވާތީ މިހާރު ބަލި ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. މިއަދުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު 600 މީހަކަށް ކޮވިޑް-19 ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ.