ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހަކު ތިން މިސްކިތަކަށް ދިއުމާ ގުޅިގެން އެ ތިން މިސްކިތް ބަންދުކޮށް ޑިސްއިންފެކްޓް ކުރަމަށް ފަހު އަލުން ހުޅުވައިފިއެވެ.

"ދަ ޕަރެސް" އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް، އިސްމާއިލް އަފްރާހް ވިދާޅުވީ ރޭ ފަތިސް ނަމާދުން ފެށިގެން އެ މިސްކިތްތައް ހުޅުވާފައި ވާ ކަމަށެވެ.

އަދި މިހާރު އެ މިސްކިތް ތަކުގައި ނަމާދު ކުރަމުން ދާ ކަމަށްވެސް އަފްރާހް ވިދާޅުވިއެވެ.

ޕޮޒިޓިވް ކޭސްއަކާ ގުޅިގެން ބަންދު ކުރީ މަސްޖިދުލް ސުލްތާން ހަސަން އިއްޒުއްދީން (ތޮއިބާ މިސްކިތް) އާއި، މަސްޖިދުލް އަފީފުއްދީން (ދިއްލީ މިސްކިތް) އާއި މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީން (މަޖިލިސް އިދާރާ ކައިރީ ހުންނަ މިސްކިތް) އެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ފަހު އަލުން ހުއްދަ ދިނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

މިސްކިތްތަކުގައި ނަމާދު ކުރަން ހުއްދަ ދިން ނަމަވެސް ހުކުރު ކުރަން ހުއްދަ ދިނީ ދެ ހަފްތާ ފަހުންނެވެ. މިސްކިތްތައް އާންމުކޮށް ހުޅުވާލައިފައި ވާއިރު ގައިދުރުކަން ބަހައްޓައިގެން މިސްކިތަށް އަރާ ފޭބުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެމުން ދިޔަ ނަމަވެސް، މިސްކިތަށް އަރާ ފޭބުމުގައާއި ޖަމާއަތަށް ސަފު ހެދުމުގައި ގައިދުރު ކަމެއް ނުބަހައްޓައެވެ.