އަންނަ މަހު މާލެ ސަރަޙައްދުގެ ސްކޫލުތަކުގައި ގްރޭޑް 7 އަދި 8 އަށް ކިޔަވައިދޭން ފެށުމަށް ތައްޔާރު ވަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާއިޝަތު އާތިޔާ ނަސީރު ވިދާޅުވީ އަންނަ އޮގަސްޓް މަހުގެ ދެވަނަ ހަފްތާގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގައި އިތުރު ދެ ގްރޭޑަކަށް ކިޔަވައިދޭން ފެށުމަށް ވިސްނަމުން ދާ ކަމަށާއި އެގޮތުން ގްރޭޑް 7 އަދި 8 ދަރިވަރުންނަށް ކިޔަވައިދޭން ފެށުމަށް ތައްޔާރު ވަމުން ދާކަމަށެވެ.

މިހާރު ވެސް މަތީ ގްރޭޑްތަކަށް ކިޔަވައި ދެމުން ދާއިރު، ކިޔަވައި ދެމުން ދަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މިންގަނޑާ އެއްގޮތައް ކަމަށައި މިހާރު ކިޔަވައި ދެމުން ދާ ހުރިހާ ސްކޫލްތަކެއްގައި ވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން އާތިޔާ ވިދާޅުވީ ކިޔަވައިދޭން ފަށާއިރު ސްކޫލްތަކުގެ އެރޭންޖްމަންޓްސް ތަކަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ކޮވިޑާއި ގުޅިގެން ސްކޫލުތަކުގެ ކިޔެވުން ތިން މަހަށްވުރެ ދިގު މުއްދަތެއްގެ މެދުކަނޑުމަކަށް ފަހު އަލުން ކިޔަވާދޭން ފަށާފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހެވެ. މި މަހު މާލެ ސިޓީގެ ސްކޫލްތައް ފިޔަވާ ހުރިހާ ސްކޫލެއްގައި ކިޔަވައިދޭން ފަށާފައި ވާއިރު، މި މަހު މާލެ ސަރަހައްދުގައި ކިޔަވައިދޭން ފަށާފައި ވަނީ ގްރޭޑް 9 އަކުން މަތީގެ ދަރިވަރުންނަށެވެ.

ކީ ސްޓޭޖް އެކެއް އަދި ދޭއް (ގްރޭޑް 1 އިން ގްރޭޑް 6) ގެ ކިޔެވުން ފަށާނީ އޮގަސްޓް މަހު ކަމަށް ނިންމާފައި ވާއިރު ޕްރީ ސްކޫލު ދަރިވަރުންނަށް ސްކޫލު ހުޅުވަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުއެވެ.