ފުރަތަމަ ފަހަރު އަގު ނެގުމަކާނުލައި ފެނާއި ނަރުދަމާގެ ހޮޅި ގުޅައިދިނުމަކީ ހިދުމަތްދޭ ފަރާތުގެ ޒިންމާއެއް ކަމުގައި ކަނޑައަޅާ، ފެނާ ނަރުދަމާގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއަދު މަޖިލީހުން އެ ބިލު ފާސްކޮށްފައި ވަނީ، ކޮމެޓީ މަރުހަލާގައި ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ފަހުއެވެ. އެގޮތުން ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ހަމަހަމަ ކަމާއި، މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަކީ ހިދުމަތްދޭފަރާތުގެ ޒިންމާއެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެ ޒިންމާތަކުގެ ތެރޭގައި ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށް ދޫކުރާ ތަންތަނުގައި ފުރަތަމަ ފަހަރު ފެނާއި ނަރުދަމާގެ ހޮޅި ގުޅައިދޭންވާނީ އަގު ނެގުމަކާ ނުލައި ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން މައްސަލައެއް ދިމާވެެއްޖެ ނަމަ ހައްލުކޮށްދިނުނުމާއި ފެނާއި ނަރުދަމާގެ ހިދުމަތް ސަސްޕެންޑްކުރުން ނުވަތަ ކަނޑާލުންފަދަ ފިޔަވަޅުތައް އެޅުމުގައި ލުއިގޮތްތަކެއް އިންތިޒާމްކުރަންވާނެކަމަށް ބުނެފައިވެއެވެ.

ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދައި، އެ ރިޕޯޓު އީޕީއޭ އިން ފާސްކުރަން ޖެހޭއިރު، ދަނޑުވެރި ކަމާ ގުޅޭގޮތުންވެސް ގިނަ ކަންތައްތަކެެއއް ވަނީ ހިމަނާފައެވެ. އަދި ރަށުގެ ގުދުރަތީ ފެން ފަށަލަ ހިމާޔަތްކުރުމަށް ލޮނުފެން މީރުފެނަށް ހެދުމަށް ބިންގަނޑު ތޮރުފައިގެން ނުވަތަ ކޮނެގެން ފެން ނަގަންވާނީ، އެ ރަށެއްގެ ގުދުރަތީ ފެން ފަށަލައަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ބުނެފައި ވެއެވެ.

އެ ގާނޫނާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ ހިމަނައިފަައެވެ. އެގޮތުން ހުއްދަ ނުހޯދައި ފެނާއި ނަރުދަމާ ގާއިމުކުރާ ފަރާތާއި، ލައިސަންސް ނުވަތަ ހުއްދަ އެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ އަދަބަކީ ފަސް ލަައްކަ ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި ދެވޭ މުއްދަތުގެ ތެރޭގައި އެ ކަމެއް ރަނގަޅު ނުކޮށްފިނަމަ، އެ ފަރާތެއްގެ އަދަބަކީ އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން ހިމެނެއެވެ. ގަސްދުގައި ނުވަތަ އެނޫން ގޮތަކަށް ވިޔަސް ގެއްލުން ދިނުމާއި، ހިދުމަތް ދިނުމަށް ދަތިކުރުމުގެ ގޮތުން އެއްވެސް އަމަލެއް ކުރާ މީހާވެސް އެއް މިލިއަނަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާަކުރެވޭނެ ކަމަށް އެ ބިލުގައި ވެއެވެ.