ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައި ނުވާ ފަރާތްތަކަށް ސަރުކާރުން ބަދަލު ދިނުމުގެ އެގްރީމެންޓުތަކުގައި ސޮއިކުރަން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުމަށް އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީގައި ކުރިއަށްދާނެ ކަމަށެވެ.

ގުޅީފަޅު ހައުސިން ޔުނިޓަށް ފައިސާ ދެއްކުމަށް ފަހު ގެއްލުން ލިބުނު 140 ފަރާތެއް ތިބި ކަމަށާއި މި 140 ފަރާތްތަކާ އެކީ ސަރުކާރުން އެއްބަސްވުންތަކެއް ކުރިއަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދިނުމުގެ ގޮތުން ގޮތްތަކެއް ނިންމާފައިވާއިރު ބަދަލެއްގެ ގޮތުގައި ކޮމްޕެންސޭޝަންއެއް ދިނުމަށް ވަނީ ނިންމާފައެވެ.

ހައުސިން ޔުނިޓް ނުލިބުގެ ސަބަބުން ބޯހިޔާވަހިކަމަށް މި މުއްދަތުގައި ކޮށްފައިވާ ހަރަދަށް ބަދަލެއްގެ ގޮތުގައި 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ތިން އަހަަރު ދުވަހުގެ މުއްދަތަށް ކޮންމެ މަހަކު 12000 ރުފިޔާ ގެ ކޮމްޕެންސޭޝަނެއް ދިނުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 432،000 ރުފިޔާ 36 މަސް ދުވަހަށް ބަހާލައިގެން ކޮންމެ މަހަކަށް 12000 ރުފިޔާ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފައެވެ.

ހައުސިން ޔުނިޓް ގަތުމަށް ދެއްކި ފައިސާއިން ގެއްލުންވުމުން ބަދަލުގެ ގޮތުގައި ދޭ 432،000 ރުފިޔާ އުނިކުރުމަށް ފަހު ބާކީ ފައިސާ އަލަށް ލިބޭ ހައުސިން ޔުނިޓަށް 20 އަހަރު ދުވަހަށް ބަހާލައިގެން ދެއްކޭ ގޮތަށް އަލަށް ލިބޭ ހައުސިން ޔުނިޓްގެ ކަންކަން ހަމަޖެއްސޭނެ ގޮތަށްވެސް ވަނީ ނިންމާފައެވެ.

ހަމައެއާއެކު ހިޔާ މަޝްރޫއުގެ ދެ ކޮޓަރީގެ ހައުސިން ޔުނިޓް ބޭނުން ނުވާ ފަރާތްތަކުގެ ތެރެއިން 3 ކޮޓަރީގެ ހައުސިން ޔުނިޓެއް ބޭނުންވާ ފަރާތްތަކަށް 3 ކޮޓަރީގެ ހައުސިން ޔުނިޓެއް 2021 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިއަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް 2 ކޮޓަރީގެ ތަން ބޭނުންނުވެ 3 ކޮޓަރީގެ ތަން ބޭނުންވާ ފަރާތްތަކަށް ކޮމްޕެންސޭޝަންގެ ގޮތުގައި އިތުރު ފައިސާއެއް ނުދެވޭނެއެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ޑިސެމްބަރުގެ ފަހުން 3 ކޮޓަރީގެ ތަނެއް ގަތުމަށް ސަރުކާރުން ހަމަޖައްސައި ނުދެވިއްޖެ ނަމަ، އެ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ހިނގާ މަސްތަކަށް ކޮމްޕެންސޭޝަންގެ ގޮތުގައި މަހަކު 12،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން ގުޅީފަޅުން ހައުސިންގް ޔުނިޓެއް ގަތުމަށް ފައިސާ ދައްކާފައިވާ ކޮންމެ ފަރާތަކަށް ބަދަލުގައި މި އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން އެއް ހައުސިން ޔުނިޓެއް ލިބޭނެ ގޮތެއް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް ވެސް އަސްލަމް ވިދާލުވެފައި ވެއެވެ. އެގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓްތަކުގެ ތެރެއިން ހައުސިން ޔުނިޓެއް ވިއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި އަދި އެ ހައުސިން ޔުނިޓް ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ގުލީފަޅުން ހައުސިން ޔުނިޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ހަމަޖެހިފައި ވެއެވެ.

އަދި ގުޅީފަޅުން ހައުސިން ޔުނިޓް ގަތުމަށް ދައްކާފައިވާ ފައިސާއާ އެއްވަރުގެ އަދަދެއް ހައުސިން ޔުނިޓް ވިއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުން އުނިކުރާ ގޮތަށާއި އަދި ގަންނަ ހައުސިން ޔުނިޓްގެ އަގު ދައްކާފައިވާ ހައުސިންގް ޔުނިޓްގެ އަގަށް ވުރެ ކުޑަ ނަމަ އިތުރުވާ އަދަދު އެފަރާތްތަކަށް އަނބުރާ ދޭ ގޮތަށް ވެސް ވަނީ ނިންމާފައެވެ.