އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލުގައި ޕެންޑަމިކް ހާލަތުގައި ޑޮކްޓަރުންނަށް ބާރު ނުފޯރާ ފަދަ ޕޮއިންޓްތަކެއް ބިލުގައި ހުރުމުން އެކަމާ ޑރ. އަލީ ނިޔާފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސިއްހީ ކުއްލި ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް މަޝްވަރާ ހޯދުމަށް ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާރުގެ ހާއްސަ ޑރ. އަލީ ނިޔާފް ވިދާޅުވީ އެޕިޑެމިކް އެއް ޕެންޑެމިކް އަކަށް ބަދަލުވެ، މުޅި ދުނިޔޭގައި އެ ބަލިމަޑުކަން ފެތުރެމުން ދާއިރު ޑޮކްޓަރުންނާއި އެކަމާ ހަވާލުވެ ތިިބި މީހުންނަށް ބާރު ނުފޯރާ ވަރުގެ ޕޮއިންޓުތަކެއް ބިލުގައި ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިސާލެއްގެ ގޮތުގައި ސިކުނޑިއަށް ލޭކޮޅެއް އެޅިއްޖެއްޔާ އެއަށް ފަރުވާ ކުރާނެ ގޮތް އިނގޭނީ ނާރުގެ އޮޕަރޭޝަން ޑޮކްޓަރަކަށް ނޫނިއްޔާ ނާރުގެ ބޭސްފަރުވާ ކުރާ ޑޮކްޓަރަކަށް ކަމަށް ޑރ. ނިޔާފް ވިދާޅުވިއެވެ. އެހެންކަމުން ގަރާރު ބާތިލުކުރުމުގެ ބާރު މަޖިލީހަށް ދިން ނަމަވެސް، އޭގެ ކުރިއަށް "ސިއްހީ މާހިރުންގެ ލަފަޔާއެކު" ގަރާރު ބާތިލްކުރުމުގެ ބާރު މަޖިލީހަށް ދިނުމުން މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ޑރ. ނިޔާފް ވިދާޅުވީ މިސްކިތްތައް ބަންދުކޮށް، ދީނުގެ އެންމެ މުހިންމު އެއް ކަންތައް ހުއްޓުވޭއިރު، ބަލި ފެތުރޭނެ ހާލަތަކާ ގުޅޭގޮތުން ސިއްހީ ދާއިރާއިން ކަނޑައަޅާފައި އޮތް މިންގަނޑަކަށް ނުފެތޭ ހާލަތެއްގައި އެއްވެސް ބަޔަކަށް ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މިސްކިތެއް ބަންދު ކުރުވޭ ހާލަތަކަށް ދެވެންޏާ ރައްޔިތުންގެ މަޖިލިސް ހުއްޓުވޭނެ ހާލަތަކަށް ނުދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ޑރ. ނިޔާފް ވިދާޅުވިއެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފަށާފައި ވަނިކޮށް މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނެސް، މަޖިލިސް ހުޅުވައި މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެކަމަށް އަމާޒުވެފައެވެ. މިސްކިތްތަކާއި ސަރކާރުގެ އިދާރަތާއް ހުޅުވަން ސަރުކާރުން މަޑު ޖައްސާފައި ވަނިކޮށްވެސް މަޖިލިސް ކުރިއަށް ގެންދާތީ އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ 19 ވަނަ މަޖިލީހަށް އަމާޒުވެފައެވެ.
މާލެ ސިޓީގައި އިއުލާން ކޮށްފައި ވާ ލޮކްޑައުނަށް ލުއިދިނުމުގެ ކުރިން ރައްކާތެރި ކަމުގެ ފިޔަވަޅު ތަކާއެކު މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ވަނީ ބާއްވަން ފަށާފައެވެ. އެގޮތުން ފުރަތަމަ އޮންލައިން ކޮށް ބައެއް ޖަލްސާ ބާއްވާފައި އެއަށް ފަހު މެންބަރުން މަޖިލީހަށް ހާޒިރުވެ ރައްކާތެރި ކަމުގެ ފިޔަވަޅު ތަކާއެކު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ފެއްޓީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ.