ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުލުހަށް ހާޒިރުކޮށްފިއެވެ.

ފުލުހުން ބުނީ، އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް މިރޭ ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 8:30 ގައެވެ. މިރޭ އަލީ ވަހީދު ފުލުހަށް ހާޒިރުކުރާ އިރު، އޭނާ ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ، ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން އަންގާފައިވާ ކޯޓު އަމުރެއް މިދިޔަ ހަފްތާ ތެރޭ ހަވާލު ކޮށްފައެވެ.

މިމަހުގެ 12 ވަނަ ދުވަހު ފުލުހުން ބުނެފައި ވަނީ އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ތަހުގީގަށް އަލީ ވަހީދު ގެންގުޅުވި އިލެކްޓްރޯނިކް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހެކި ހޯދުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ. ފުލުހުން ގެންދިޔައީ ސީދާ ކޮން ތަކެެއްޗެއް ކަމެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ފުލުހުން ގެންގޮސްފައިވަނީ އަލީ ވަހީދު ލެޕްޓޮޕާއި ފޯނެވެ.

މި މަހުގެ 16 ވަނަ ދުވަހު ފުލުހުންގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް އަޒްމާ ވިދާޅުވެފައި ވަނީ ޓޫރިޒަމް މިނިސްޓަރުގެ ޖިންސީ ފުރައްސާރައިގެ މައްސަލާގައި 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމާއި އަދި އެ 15 މީހުންނަކީ ވެސް ވިކްޓިމުން ކަމެއް ނުވަތަ ނޫން ކަމެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ޖިންސީ ފުރައްސާރައިގެ މައްސަލާގައި އަލީ ވަހީދާ ސުވާލުކޮށްފައެއް ނުވެއެވެ. ސަބަބެއް ކަމަށް ފުލުހުން ބުނެފައި ވަނީ މިހާތަނަށް ތަހުގީގުގައި އާދެވިފައިވާ ހިސާބުން އެކަން ކުރުމަށް އަދި ނުފެންނާތީ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖިންސީ ގޯނާ ކުރައްވައިފައި ވާ ކަމުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން، އޭނާ މަގާމުން ވަނީ ވަކިކޮށްފައެވެ.‏ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހް އެންގެވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ސޯލިހަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް ރައީސް ސޯލިހް އެންގެވި ނަމަވެސް އޭނާ ރަސްމީ ސިފައެއްގައި އިސްތިއުފާ ދެއްވިކަމުގެ ސިޓީއެއް ރައީސް ސޯލިހަކަށް ނާރުވައެވެ. އޭނާ މަގާމުން ވަކިކުރީ ރަސްމީކޮށް އިސްތިއުފާ ނުދެއްވުމުންނެވެ. ހަމަ އެހެންމެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައާ ގުޅިގެން އެ މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.