ކ. ތިލަފުށި ކައިރިން މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ކަނޑުވި 3 މީހުން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، ތިލަފުށި ކައިރިން މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާފައިވަނީ ކަނޑު ގަދަވެގެން ދޯނި އެއްފަރާތަަކަށް އަރިއަޅާލައިގެން ކަމަށެވެ. ދޯނި އަރިއަޅާލި އިރު އޭގައި ތިބި 3 މީހުން ސަލާމަތްކޮށް އެހެން ދޯންޏަކަށް ނަގާފައިވާ ކަަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާރު ކޯސްޓް ގާޑް ލޯންޗް އެ ސަރަހައްދަށް ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިދުވަސްވަރު ކަނޑު ގަދަވުމުގެ ސަބަބުން މިފަދަ ހާދިސާތައް އަންނަނީ ހިނގަމުންނެވެ. ރޭ އެމްޕީއެލް ސަރަހައްދުގައި މުދާ ބަރުކުރަމުން ދިޔަ "އިނާމް" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ދިޔަ ވާތީ ކޯސްޓް ގާޑުން ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ. ހަމައެއާއެކު ރޭ ަަރަށް ރިސޮޓު ކައިރީ ފަރަށް އަރާފައިވާ ސަޕްލައި ދޯންޏަކަށް ރ. މީދޫ ބަޔަކު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މެޓް އޮފީހުން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މިއަދު މެންދުރު 12:00އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނއެވެ. އަދި އެ ވަގުތަކުގެ މޫސުމަށް ބަލައި އެ ސަރަހައްދުތަކަށް މެޓް އޮފީހުން ވަނީ ލެޔޯ އެލާޓެއް ނެރެފަ އެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި، ހއ. އިން ފެށިގެން ލ. އާ ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ގަދަވާނެއެވެ. އަދި ވިލާގަނޑުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 50 މޭލާއި 55 މޭލަށް ދެމެދުގެ ބާރު މިނުގައި ވައި ގަދަވާނެއެވެ.

މިހާރު ކުރަމުންދާ ވިއްސާރާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބުނީ މިއަދުގެ އެކި ވަގުތުތަކުގައި ކަނޑުގަދަވެ ބައެއް ރަށްރަށަށް ރާޅާއި އުދަ އަރާނެ ކަމަށާއި އުދައިގެ ސަބަބުންނާއި ގަދަ ވައިގެ ސަބަބުން ގޯތި ގެދޮރާއި މުދަލަށް ގެއްލުންތައް ލިބިދާނެތީ ރައްކާތެރި ވުމަށް އިލްތިމާސް ކުރާ ކަމަށެވެ.