ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސްވެފައި ވާއިރު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ލެޔޯ އެލާޓް ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެެއްގައި ކަނޑައި ވައި ގަދަވެ، ބައެއް ވިއްސާރަ ކުރާނެ އިރު، ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އޮފީހުން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މިއަދު މެންދުރު 12:00އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނއެވެ. އަދި އެ ވަގުތަކުގެ މޫސުމަށް ބަލައި އެ ސަރަހައްދުތަކަށް މެޓް އޮފީހުން ވަނީ ލެޔޯ އެލާޓެއް ނެރެފަ އެވެ.
މެޓުން ލަފާ ކުރާ ގޮތުގައި، ހއ. އިން ފެށިގެން ލ. އާ ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ގަދަވާނެއެވެ. އަދި ވިލާގަނޑުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 50 މޭލާއި 55 މޭލަށް ދެމެދުގެ ބާރު މިނުގައި ވައި ގަދަވާނެއެވެ.
މިހާރު ކުރަމުންދާ ވިއްސާރާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބުނީ މިއަދުގެ އެކި ވަގުތުތަކުގައި ކަނޑުގަދަވެ ބައެއް ރަށްރަށަށް ރާޅާއި އުދަ އަރާނެ ކަމަށާއި އުދައިގެ ސަބަބުންނާއި ގަދަ ވައިގެ ސަބަބުން ގޯތި ގެދޮރާއި މުދަލަށް ގެއްލުންތައް ލިބިދާނެތީ ރައްކާތެރި ވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެގޮތުން މޫދާ ކައިރީގައި ހުންނަ ގެތަކާއި އެހެން ގޭގެއަށް ފެން ނުވަންނާނެ ގޮތަށް ވެލިބަސްތާ ޖެއްސުމާއގޭތެރޭ ފެންބޮޑުވެއްޖެ ނަމަ އުސް ތަންތަނަށް މުދާ ބަދަލު ކުރުމާއި ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިއާލާ ފިޔަވަޅު އެޅުމާއި ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ މުދަލާއި ތަކެތި ރައްކާތެރިކުރުމާއި އިލެކްޓްރޯނިކް ސާމާނާއި ކަރަންޓް މެޝިންތައް ނިއްވާލުމާއި ދަތުރު ކުރާނަމަ ސަލާމަތީ ކަންކަމާއި މުއާސަލަތީ ނިޒާމް ފުރިހަމަ ކުރުމަށް އެންޑީއެމްއޭން އިލްތިމާސް ކުރެއެވެ.
މިދިޔަ ހަފުތާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހި، ބައެއް ރަށްރަށަށް ވަނީ އުދަ އަރާ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ.