ލ. މާވަށް ބަނދަރު ހެދުމުގެ މަޝްރޫއުގެ 37 ޕްސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ކުރިން ހަދާފައިވާ ބަނދަރާއި ނެރުގެ މެއިންޓަނަންސް މަސައްކަތްތައް ނިމިފައިވާ ކަމަށާއި ކީ ވޯލް ޖެހުމަށް ބޭނުންވާ ބްލޮކްސް ބެހެއްޓުމުގެ މަސައްކަތް މިދިޔަ މަހުގެ 15 ގައި ފަށާފައިވާ ކަމަށެވެ.

މާވަށް ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން 26،885 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 284 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓަރު ލުމުގެ މަސައްކަތްތައް ހިމެނިފައިވާ ކަމަށާއި 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 110 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުމުގެ މަސައްކަތްވެސް ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މާވަށް ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ މިއަހަރު އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއަކީ 27.3 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.