މޫސުން ގޯސްވެ. ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާ ހަމައަށް ވައިޓް އެލާތް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް ކަމަށެވެ. އެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.

މީގެ އިތުރުން އެ އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ އިދާރާ އިން ބުނެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން ވެސް އެކަށީގެންވެއެވެ.

ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުމަކީ އެކަށީގެން ވާ ކަމެއް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ. އަދި ރާޅުގެ އުސްމިން ފަސް ފޫޓާއި ހަތް ފޫޓާއި ދެމެދު ހުންނާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާ ކޮށްފައެވެ.