ރާއްޖޭގައި އުޅޭ ބޭރު މީހުން، 10 އަހަރަށް ގެއެއް ކުއްޔަށް ހިފައިގެން އުޅޭ ނަމަ، ރެސިޑެންޓް ވިސާ ދޭން ރައީސް ނާޝީދު ގޮވާލެއްވި ވާހަކައަށް އާ ހުއްޖަތެއް ނެރުއްވައިފިއެވެ. މިއަދު ނަޝީދު ޝާއިއު ކުރެއްވި މަޒުމޫނެއްގައި އޮތީ، އިނގިރޭސިވިލާތުގައިވެސް އެ ގައުމުގައި އުޅުނު އިންޑިއާ ދަރިކޮޅު (ބޭރު މީހުން) މީހުނަށް ރަށްވެހިކަން ދިން ކަމަށެވެ. އެގައުމުގެ ބައެއް ޓައުންތަކުގެ ނަންތަކާއެކު ނަޝީދު ވިދާޅުވީ، އިނގިރޭސީން މައްސަލަ ހައްލު ކުރީ އެމީހުންގެ "ބޭރުކަން" ކަނޑާލައިގެން ކަމަށެވެ.

އެގޮތުން އެމީހުންނަށް އިނގިރޭސިވިލާތުގައި ތިބެވޭނެ ގޮތް ހަދައިދިނުމާއި ކުރާނެ މަސައްކަތާއި ދިރިއުޅޭނެ ތަންވެސް ދިން ކަމަށެވެ.

އެ މަޒުމޫނުގައި ނަޝީދު ފާހަގަ ކުރެއްވި، ބައެއް ޓައުންތަކުގެ ތެރެއިން ސައުތުހޯލް އަކީ، އިންޑިއާގެ ސިކް ދަރިކޮޅުގެ މީހުން ގޮސް "ބަނޑަހަ" ޖަހައިގެން އުޅެންފެށި އަވަށެކެވެ. އަދި މިއަދު އެ އަވަށަކީ، އިންޑިއާ ފިޔަވާ، ގައުމުން ބޭރުގައި އެގައުމުގެ މީހުން އެންމެ ގިނައިން ދިރިއުޅޭ އަވަށެވެ. އެ އަށުގައިވެސް، ރާއްޖޭގައި ބިދޭސީންގެ ފަރާތުން ފެންނަ ފަދަ "ހައްގު ހޯދުމުގެ" ހަރަކާތްތައް ހިންގާފައިވެއެވެ.

ދެން އެ މަޒުމޫނުގައި ފާހަގަކުރައްވާފައި އޮތް ބްރިކްސްޓަންގައިވެސް ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވެއެވެ. އެއީ ނަސްލީ ތަޅާފޮޅުމާއި ހަމަނުޖެހުމެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށާއި އަދި ގަވާއިދާ އެއްގޮތަށް އުޅޭ ބިސޭދީންގެ ޖުމްލަ އަދަދު 200،000 އިން މައްޗަށް އަރާ އިރު އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށް ބުނެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 60،000 އިން މައްޗަށް އަރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރައީސް ނަޝީދުގެ މަޒުމޫނުގައ ފާހަގަ ކުރައްވާފައި ވަނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގޮތެއް ހޯދައިދޭން ޖެހޭ ކަމަށާއި، ގަވާއިދާ ހިލާފަށް އުޅޭ މީހާ ގަވާއިދުގެ ތެރެއަށް ގެނައުމަށް ކޮންމެވެސް ބާވަތެއްގެ ހުއްދައެއް ދޭން ޖެހޭ ކަމަށެވެ. އަދި އޭނާ އުޅޭނެ ތަނެއްވެސް ދޭން ޖެހޭ ކަމަށެވެ.

ރާއްޖޭގައި ބިދޭސީންގެ މައްސަލަތައް ބޮޑުވެ، ހައްދުން ނެއްޓި، މައްސަލަތައް ހައްލުކުރުމުގައި މުއައްސަސާތައް ފޭލުވެފައި ވާކަމަށް ގިނަ ބަޔަކު ބުނަމުން ދާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް އިމިގްރޭޝަން ގާނޫނަށް ރައީސް ނަޝީދު ބޭނުންފުޅުވަނީ އެ އިސްލާހު ގެނެސް ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭނެ މަގު ފަހުކޮށްދޭށެވެ. އެކަން އެގޮތަށް ކުރުމުގައި ދިރާސާއެއް ކޮށް، ހުރި މައްސަލަތަކާއި، ހައްލުތަކާއި ހަރަދުތަކާއި އެނޫންވެސް އިޖުތިމާއީ އެއްވެސް ކަމަކަމަށް ބިލު ދިރާސާ ކުރާ ކޮމިޓީއަކުން ބަލާފައި ނުވާ ކަން ފާހަގަ ކުރެވެއެވެ.